އަބްދުﷲ މަސީހު މުހައްމަދު

މިއީ ބޮޑުވަރު ކުރާ މަޖިލީހެއް: މަސީހް

އަށާރަވަނަ ރައްޔިތުންގެ މަޖިލީހަކީ ބޮޑުވަރު ކުރާ މަޖިލީހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަސީހް މިހެން ވިދާޅުވީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. މަޖިލީހަށް ހުށަހެޅި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން މަޖިލީހަށް އެންގުމުން ފައްޔާޒު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން، އިސްލާހު އަލުން އަނބުރާ ކޮމެޓީއަށް ނުގެންދެވޭނެ ގޮތަށް ރާއްވަވައިގެން ކަންތައް ކުރެއްވުމަކީ ބޮޑުވަރު ކަމަށާއި އޭގެން ރައްޔިތުންގެ ހައްގުތައް ކެނޑިގެންދާ ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން މަސީހު ވިދާޅުވީ މިއީ ބޮޑުވަރު ކުރާ މަޖިލީހެއް ކަމަށާއި ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ގިނަ ބާރުތަކެއް ދީފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައްޔާޒު ހުށަހެޅި އިސްލާހުގައި ބުންފައި ވަނީ، ވަޒީފާއާ ބެހޭ މައްސަލަތައް ޓްރެބިއުނަލް އަށް ހުށަހެޅުމަށް އަތޮޅު ތެރޭ މީހުން މާލެ އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް މާލެ ނައިސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ އިސްލާހެކެވެ.