ހަބަރު

މަސީހު ވެސް ޓިކެޓް ދޫކޮށްލައި ޖޭޕީގެ ކެންޑިޑޭޓަށް ތާއީދުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވެސް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިއްޖެ އެވެ.

ޕީޕީއެމްގައި ކުރިން މަސައްކަތް ކުރައްވައި މިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވި ގޮތުން މަސީހު ވަނީ ޕީޕީއެމްގެ ޓިކެޓް ދޫކޮށްލައްވަން ނިންމަވާފަ އެވެ. އަދި، އެ ދާއިރާއަށް ވާދަ ކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ނިންމާފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ޕީޕީއެމްގެ ރަސްމީ ބަހެއް ނުލިބެ އެވެ. ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް އަބްދުލް މަތީން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މަސީހަކީ މަޖިލީހުގައި ގިނަ އަހަރުތަކެއްވީ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް މިފަހުން އަމާޒުވެގެން ދިޔަ އެވެ. މަޖިލީހުގެ ރައީސް ކަމުގައި ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ތިންވަނަ ފަހަރަށް ވައްދައި މަގާމު ގެއްލޭނެކަން ކަށަވަރުވުމުންނެވެ.

މަސީހު ޓިކެޓް ދޫކޮށްލަން ނިންމާފައިވާ ކަމަށް އަޑު ފެތުރުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވީ މެންބަރު ކަމަށް ކުރިމަތިލުމަށްފަހު ބިރުން އަނބުރާ ނަން ނަގާތީ ހައިރާން ނުވާ ކަމަށެވެ. އެމީހުންނާ ހަމައަށް ގާނޫނުގެ އަތް ފޯރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަން ކުރެއްވި މަސީހު ޓިކެޓް ދޫކޮށްލައްވަން ނިންމާފައިވަނީ ޕީޕީއެމްއިން ބައެއް ދާއިރާތަކަށް ވާދަނުކޮށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރަން އެ ޕާޓީއިން ނިންމާފައިވަނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޯލިޝަން އެއްބަސްވުމަކަށް ނުދިޔަ ނަމަވެސް ޕީޕީއެމްއިން މިހާރު ވަނީ ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމަށް ނިންމާފަ އެވެ. އެ ދާއިރާތަކުން ވާދަކުރުމަށް ޕީޕީއެމްއިން ޓީކެޓް ދީފައިވާ ކެންޑިޑޭޓުންގެ އަތުން ޓިކެޓް ނަގަން ވެސް ވަނީ ނިންމާފަ އެވެ.

އެފަދަ އެއް ދާއިރާއަކީ ލަޔާލް ވާދަކުރަން ނިންމި މަތިވެރި ދާއިރާ އެވެ. އެ ދާއިރާގެ މިހާރު ވެސް މެންބަރު ހުސައިން މުހައްމަދު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވަ އެވެ.

އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއް ދާއިރާއަކީ ގެމަނަފުށީ ދާއިރާ އެވެ. އެ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވާ ޖަމީލް އުސްމާންގެ އަތުން ޓިކެޓް ނަގައި، އޭނާގެ ތާއިދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކަމަށްވާ އަލީ އާދިލަށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށްވެ އެވެ. އަދި ހަނިމާދޫ ދާއިރާއަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ވަނީ ނިންމާފަ އެވެ. އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރައްވަ އެވެ.

އެ ދާއިރާތަކަށް ވާދަނުކުރަން ޕީޕީއެމްއިން ނިންމިއިރު ޓިކެޓް ދިން ބައެއް ބޭފުޅުން ވަނީ ފުޅާ ގޮތެއްގައި ކެމްޕެއިން ވެސް ފައްޓަވާފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ޕީޕީއެމްއިން ނިންމާނެ ކަމަށްވެ އެވެ. ޖުމްހޫރީ ޕާޓީއަށް ގިނަ ދާއިރާތަކެއް ދޫކޮށްލުމަށް އެ ޕާޓީއިން ވަނީ ނިންމާފަ އެވެ. މިހާތަނަށް ޕީޕީއެމްއިން ނިންމާފައި އޮތީ 62 ދާއިރާއަކަށް ވާދަކުރަން ނިންމާފަ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.

ޕީޕީއެމްގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ވެސް ނިންމަވާފަ އެވެ. އެގޮތުން ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ.