ހަބަރު

ޖޭޕީ، ޕީޕީއެމް ގުޅިގެން މަޖިލީހަށް ވާދަ ކުރާކަން އިއުލާންކޮށްފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އިދިކޮޅު ޕްރޮގްރަސިވް ކޮންގެރެސް ކޯލިޝަން ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަ ކުރަން ނިންމައިފި އެވެ.

ޕްރޮގްރަސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޕީޕީއެމްއިން މަޖިލީހުގެ 32 ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ޕާޓީތަކާއި ގުޅިގެން 13 ދާއިރާއަކަށް، ޖުމްހޫރީ ޕާޓީން 38 ދާއިރާއަކަށް ވާދަކުރާއިރު، އެމްޑީއޭއަށް ހަތަރު ދާއިރާއެއް ދޫކޮށްލާފައިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި އަބުދުއްރަހީމް ވަނީ ޖުމްހޫރީޕާޓީން ކުރިމަތިލާ ކެނޑިޑޭޓުންނާއެކު ޕޮރޮގްރަސިވް ކޯލިޝަނުން ކުރިމަތިލާ ކެނޑިޑޭޓުންގެ ނަންތައްވެސް އާންމުކޮށްފަ އެވެ. އަދި ބައެއް ދާއިރާތަކަށް އެ ކޯލިޝަންގެ ތާއިދު އޮތީ ވަކި ބަޔަކަށް ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައްވެސް އަބުދުއްރަހީމް ވަނީ ދޮގުކުރައްވާފަ އެވެ.

ޕްރޮގްރަސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެ ނިންމުން ނިންމާފައިވަނީ ޖުމްހޫރީޕާޓީއާއި މަޝްވަރާކޮށްފައި ކަަމަށެވެ. އެކަމާއި ގުޅިގެން "އަވަސް" އިން ޖުމްހޫރީޕާޓީގެ ސެކެޓްރީ ޖެނެރަލް ހުސައިން ރަޝީދަށް ގުޅާލުމުން ވަނީ ޖުމްހޫރީޕާޓީން ޕީޕީއެމް ކޮންގްރެސް ކޯލިޝަނާއި މަޝްވަރާކޮށް، އެގޮތަށް ވާދަ ކުރަން ނިންމާފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ.

ޖޭޕީން، ޕީޕީއެމް ކޮންގްރެސް ކޯލިޝަނާއި ގުޅިގެން މަޖިލީހަށް ވާދަކުރަން ނިންމާފައިވާ އިރު، މިރޭ ޖޭޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލާ އައިޝަތު ނާޒިމާގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، ޖޭޕީގެ ކައުންސިލް މެމްބަރަކު އަވަސް އަށް ވިދާޅުވީ، ޖޭޕީގެ ފަރާތުން ޕީޕީއެމް ކޯލިޝަނާއި ގުޅިގެން ވާދަ ކުރަން ނިންމާފައިވަނީ އެ ޕާޓީގެ ކައުންސިލަށް ނޭގި ކަމަށެވެ.