ޖޭޕީން ވެސް ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމައި، ޕީޕީއެމްއިން ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފިކަން ސާފުވެއްޖެ އެވެ.
މީޑިއާއިން މި ސުވާލު ކުރި ނަމަވެސް ޖޭޕީން މިކަމަށް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް ޖޭޕީން ވަނީ މަހިބާދޫ ދާއިރާއަށް ވާދަ ކުރަން އެ ޕާޓީގެ ޓިކެޓް ދިން އަހުމަދު ސުނިލްގެ އަތުން ޓިކެޓް ނަގާފަ އެވެ. އެ ޓިކެޓް ދޭން ނިންމައި އެކަން މީގެ ކުރިން އިއުލާން ކުރެއްވީ ވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
އެނގިފައިވާ ގޮތުން ޖޭޕީން ވަނީ މަހިބާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓް ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު ތޯރިގަށް ތާއީދުކުރަން ނިންމާފަ އެވެ. ތޯރިގު މިހާރު ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ވެސް ހުށަހަޅުއްވާފަ އެވެ. މިކަމުގައި ޖޭޕީގެ ބަހެއް ނުލިބެ އެވެ.
މީގެ އިތުރުން ވެސް އެހެން ބައެއް ދާއިރާތައް ޖޭޕީން ދޫކޮށްލަފާނެ ކަމަށް ބެލެވެ އެވެ.
ޖޭޕީން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމިއިރު ޕީޕީއެމުން ވެސް ގިނަ ދާއިރާތަކެއްގެ ޓިކެޓް އަނބުރާ ނަގަން ވަނީ ނިންމާފަ އެވެ. އެގޮތުން މަތިވެރި ދާއިރާ އާއު ގެމަނަފުށި ދާއިރާ އާއި ވިލިނގިލި ދާއިރާ، ފުވައްމުލައް މެދު ދާއިރާގެ ޓިކެޓް ދިން ފަރާތްތަކުގެ އަތުން އެ ޓިކެޓްތައް ނަގަން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވާފަ އެވެ.
މިފަދަ އަޑުތައް ފެތުރިފައިވަނިކޮށް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވެފައިވަނީ ޕީޕީއެމުން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމައި ތާއީދު ޖޭޕީގެ ކެންޑިޑޭޓުންނަށް ދިނީ ދެ ޕާޓީން މަޝްވަރާކޮށްފައި ނޫން ކަމަށެވެ. ނަމަވެސް އެ ތާއީދު ދިނީތީ އުފާ ކުރައްވާ ކަމަށެވެ.
މިހާތަނަށް ޕީޕީއެމްއިން ނިންމާފައި އޮތީ 62 ދާއިރާއަކަށް ވާދަކުރާށެވެ. އެއީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.
ޕީޕީއެމްގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ވެސް ނިންމަވާފަ އެވެ. އެގޮތުން ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ. ޖޭޕީގައި ހުންނެވި އަބްދުއްލަތީފު މުހައްމަދު ވެސް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ.