ހަބަރު

ވަކީލެއް ބޭނުމެއް ނޫން: އާފިޔާ

ޝަރީއަތުގައި ދިފާއުގައި ވަކާލާތުކޮށްދޭނެ ވަކީލެއް ބޭނުންނުވާ ކަމަށް ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު ބުނެފި އެވެ. އާފިޔާގެ މައްޗަށް އުފުލާފައިވަނީ، މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލްގެ ކަރަށް ފިތާލައި، ނޭވާ ހާސްކޮށްލައި، އެ ކުއްޖާގެ މޭމަތީގައި ޖަހާފައިވާތީ އާއި އެކަމުގެ ސަބަބުން އެ ކުއްޖާ އެދުވަހު މަރުވެފައިވާތީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

މިއަދު މި މައްސަލާގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ކުރިން އާފިޔާގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އާޒިމާ ޝުކޫރު ހާޒިރުވެފައެއް ނުވެ އެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އާޒިމާ ޝުކޫރު ވަނީ އޭނާ ކޯޓުތަކުގައި ވަކާލާތުކުރާ ހުރިހާ މައްސަލައަކުން ތަނާޒުލްވެފައިވާ ކަމަށެވެ. އާޒިމާ މައްސަލަތަކުން ތަނާޒުލްވެފައިވަނީ ސަރުކާރު އިސްމަގާމެއް ފުރުއްވަމުން ގެންދަވާތީ ކަމަށެވެ. އާޒިމާ ވަނީ ވަރަށް ފަހުން ރައީސް އޮފީހުގެ ލީގަލަ އެފެއާޒް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަކީލަކު ބޭނުންވޭތޯ އާފިޔާއާ ވަނީ ގާޒީ ސުވާލުކުރައްވާފަ އެވެ. އާފިޔާ ބުނީ، ވަކީލަކު ބޭނުންނުވާ ކަމަށެވެ. އާފިޔާ ވަކީލަކު ބޭނުންނުވާ ކަމަށް ބުނުމުން ގާޒީ ތަކުރާރުކޮށް އެ ސުވާލުކުރައްވާފައިވެ އެވެ. ނަމަވެސް އާފިޔާ ބުނީ ބޭނުންވަނީ ވަކީލަކާ ނުލާ ކުރިއަށްދާން ކަމަށެވެ. އޭގެ ސަބަބު އެއްސެވެމުން އާފިޔާ ބުނީ "ކަމެއްނުވޭ" ކަމަށެވެ.

އާފިޔާގެ މައްސަލަ މަޑު ޖައްސާލުމަށްފަހު، އަލުން ފަށާފައި މިވަނީ ދައުލަތުން ބަލަން ބޭނުންވި ކަންކަން ސާފުވުމުންނެވެ. ދައުލަތުން މި މައްސަލަ މަޑު ޖައްސާލުމަށް އެދުނީ އާފިޔާގެ ނަފުސާނީ އެއްވެސް މައްސަލައެއް ހުރޭތޯ ބެލުމަށެވެ.

ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވީ، ނަފްސާނީ ބައްޔެއް ހުރިތޯ ބަލަން ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި، އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އާފިޔާގެ އެއްވެސް ނަފްސާނީ ބައްޔެއް ނެތް ކަމަށެވެ. އެހެން ކަމުން އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އާފިޔާ މީގެކުރިން ބުނެފައިވަނީ އިބްތިހާލު އޭނާގެ ބެލުމުގެ ދަށަށް އައިފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އަނިޔާ ކުރާ ކަމަށާއި އަނިޔާއަށް ކެތް ނުކުރެވިގެން އިބްތިހާލް މަރުވި ދުވަހު ވެސް އަނިޔާ ކޮށްފައިވާނެ ކަމަށާއި ދަރިފުޅު މަރުވީ އޭނާ އަނިޔާކޮށްގެން ކަމަށެވެ. އެގޮތުން ކަރަށް ފިތާލައި މޭމަތީގައި ތިން ފަހަރު ފައިން ޖަހާފައިވާނެ ކަމަށެވެ.