ހަބަރު

ކައުންސިލްތަކުގެ އުމުރު ގާނޫނު އަސާސީން އުނިކުރަން ކޮމެޓީން ފާސްކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގަނޫނަކަށް ބަދަލުކުރުމަށް ގާނޫނު އަސީސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ. މި އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ އުމުރު ގާނޫނޫ އަސާސީން އުނިކުރެވޭނެ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުށަހެޅި އިސްލާހު މިއަދު އިސްލާހު ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފައިވަނީ އެއްވެސް ބަދަލު ގެނައުމެއް ނެތި ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އާމިރު ހުށަހެޅި އިސްލާހުގައިވާ ގޮތުން، އިންތިހާބު ކުރަންޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ އެވެ. އަދި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ގާނޫނުގައި ކަނޑައެޅިފައި އޮންނަން ޖެހެ އެވެ.

މިހާރު ގާނޫނު އަސާސީގައިވާ ގޮތުން، ކައުންސިލްތަކުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބުކުރާނީ އެ ކައުންސިލެއްގެ މެންބަރުންގެ ތެރޭގަިއ ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު އެވެ.

މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރައީސް އަދި ނައިބު ރައީސުން އިންތިހާބުކުރާނީ މެންބަރުންގެ ސިއްރު ވޯޓެއްގެ ބަދަލުގައި ރައްޔިތުންނެވެ. މި އިސްލާހު ހުށަހެޅުމުގެ މަގުސަދެއް ކަމަށް އާމިރު ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމް ރައްޔިތުންނާ ވީހާވެސް ގާތުން ހިންގުމަށެވެ.