ރިޕޯޓް

ހިމާޔަތް ކޮށްފަ، ގެއްލުން ނުދީ، މަނާކަމެއް!

މިއީ ދައްކަން އެހާ ރީތި ވާހަކަ އެއް ނޫނެވެ. އަދި އެހާ މޮޅު ވެސް ވާހަކައެއް ނޫނެވެ. އެކަމަކު މި ވާހަކަ ދައްކަން އެބަ ޖެހެ އެވެ. ދާދިފަހުން މީޑިއާ ގައި އާއްމު ވެގެން ދިޔަ ފޮޓޯއަކީ ރާއްޖޭގެ ސަފާރީއަކަށް ދިޔަ ޓޫރިސްޓުންތަކެއް، ރާއްޖޭގައި ހިމާޔަތްކޮށް ރައްކާތެރި ކޮށްފައިވާ ބާވަތް ތަކެއް ހިފައި، އެ "އުރާލައިގެން" ތިބި ފޮޓޯތަކެއްގެ ވާހަކަ އެވެ. އޭގެ ކުރިން ފެންމަތިވީ ހިމާޔަތްކޮށްފައިވާ ވެލާގެ މަސް ކައި، އޭގެ ބިސް ބޮއެ އުޅޭ ބަޔަކު އުޅޭ ރަށެއްގެ ވާހަކަ އެވެ. މި ފޮޓޯއިން ފެނުނު ބާވަތްތަކާއި ވެލައަކީ ވެސް ރާއްޖޭގައި ހިފުން މަނާ ތަކެއްޗެވެ. އެކަމަކު މިކަން ކުރާ ބަޔަކު އެބަ އުޅެ އެވެ. މިއީ ރާއްޖޭގައި ކިހާ އާއްމު ކަމެއް ހެއްޔެވެ؟

"މިޔަރު ހިފައި އެ މެރުމަކީ ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަނަށް ދާ ބައެއް މީހުން ކުރާ ކަމެއް. މިއީ މަދުން ނަމަވެސް ފެންނަ މަންޒަރެއް. އެމީހުން މި ކަންތައް ކުރަނީ ޓޫރިސްޓުން ހިތްހަމަ ޖައްސައި ދިނުމުގެ ބޭނުމުގައި މަޖަލަކަށް،" ސަފާރީއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖޭގެ އެތަން މިތަނަށް ޓޫރިޒަމް ފެތުރިފައިވާއިރު، ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަނަށް ދިއުމަކީ ގިނަ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން އާއްމުކޮށް ކުރާ ކަމެކެވެ. ހާއްސަކޮށް ޓޫރިސްޓުން ގޮވައިގެން މަސްވެރިކަމުދެ އެވެ. މިގޮތަށް ގޮސް އުޅޭއިރު ރާއްޖޭގައި ހިފުމާއި ބޭނުންކުރުން މަނާކޮށްފައިވާ ގިނަ ބާވަތްތަކެއް ބާނާ ވާހަކަ ދެކެވެ އެވެ. ހާއްސަކޮށް މިޔަރާއި މާހުޅުނބު ލަނޑަޔަކީ މި ގޮތަށް އާއްމުކޮށް ބާނާ ބާވަތް ކަމަށްވެ އެވެ. މީގެ އިތުރުން މި ލިސްޓުގައި އިންސާނުންނާއި ރަހުމްތެރި މިޔަރުގެ ބާވަތެއް ކަމަށްވާ ފެހުރިހި ވެސް ހިމަނާލަން ޖެހެ އެވެ. މީގެ އިތުރުން ވަކި ސައިޒަކަށް ވުރެ ކުދި ފާނަ އަކީ ވެސް ރާއްޖޭގައި ބޭނުން މަނާ ބާވަތް ތަކެވެ. 

މީގެ ސަބަބުން ރާއްޖެއަށް ހުތުރު ނަމެއް ލިބުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ މުޅި ދުނިޔޭގައި ފެހުރިހި ހިމާޔަތްކޮށް، މިޔަރު ހިފުން މަނާ ގައުމެކޭ ބުނެ އިސްތިހާރު ކުރާއިރު، ދިވެހިން ކުރީ ސަފުގައި ތިބެ މިފަދަ ކަންތައްތައް ކުރާތީ އެވެ.

"ހިމާޔަތް ކޮށްފައިވާ ބާވަތެއް މިޔަރަކީ. އެކަމަކު މިޔަރުގެ ބާވަތްތައް ގެސްޓް ފިހާރަތަކުން ވިއްކަން ހުރޭ. އެ ލިބެން ހުރޭ. މާލެއަށް އަރާ ކޮންމެ ގެސްޓަކަށް އެބަފެނޭ އެތަކެތި. އެހެންވެ މި ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ،" ޓްރެވަލް އެޖެންސީއެއްގެ ވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރޭގައި ހިމެނޭ ޔޫރަޕުގެ ގިނަ ޓޫރިސްޓުންނަކީ ހޭލުންތެރި ބަޔެކޭ ބުނެވިދާނެ އެވެ. އެމީހުން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ކުރިން ވެސް ރާއްޖޭގައި ހިފުން މަނާ ތަކެއްޗާއި ބޭނުން މަނާ ތަކެތީގެ މައުލޫމާތު ހޯދަ އެވެ. އެކަމަކު ބައެއް ޓޫރިސްޓުންނަށް މިކަމުގެ މައުލޫމާތެއް ނޭނގެ އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމްގެ ނާއިބު ރައީސް އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި ހިމާޔަތް ކޮށްފައިވާ ބާވަތްތަކަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"މީޑިޔާގައި އާއްމުވި ވާހަކަތަކާއި ގުޅިގެން އަޅުގަނޑުމެން ސަފާރީގެ އިސް ފަރާތްތަކާ ވެސް ވާހަކަ ދެއްކިން. އެއީ ވާހަކަ އާއްމުވި ގޮތަށް ވީކަމެއް ހެނެއް ހިޔެއް ނުވޭ. އެންކޮޅު ލައިގެން އެގޮތަށް މަސް ބާނާއިރު އެފަދަ އެއްޗިހި ވެސް ބޭނޭ. އެގޮތަށް މަސް ބޭނުމަށް ފަހު، އެ މަސް ދޫކޮށްލަނީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަނާކޮށްފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ދިނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ޓޫރިޒަމްގެ ކަންތައްތަކުގައި އުޅުއްވާ ބޭފުޅުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް މިފަދަ ތަކެތި ހިމާޔަތް ކުރުމަކީ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަކީ ތިމާވެއްޓާ ރަހުމަތްތެރި ޓޫރިޒަމެކެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މައުލޫމާތު ޓޫރިސްޓުންނަށް ދިނުމަށް ރިސޯޓުތަކުން ބޮޑު އިސްކަމެއް ދެ އެވެ.

މަޝްހޫރު ރިސޯޓެއްގެ ޑައިވިން ސްކޫލެއްގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަކު ބުނި ގޮތުގައި ޓޫރިސްޓުން ގޮވައިގެން ފީނަށް ދާއިރު އެމީހުންނަށް ރާއްޖޭގެ މާހައުލާ ބެހޭ ގިނަ މައުލޫމާތުތަކެއް ދެ އެވެ.

"ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންނަށް އެމީހުންގެ ބަހުން ރާއްޖޭގެ މައުލޫމާތު ދެން. އެގައުމެއްގެ ބަހުން އެ ޓޫރިސްޓަކަށް މައުލޫމާތު ދެނީ. ޓޫރިސްޓުން ނަށް އެނގޭނެ ރާއްޖޭގައި މަނާކޮށްފައިވާ އެއްޗިއްސަކީ ކޮބައިކަން. އެހެންވެ އެމީހުން ވަރަށް ބޮޑަށް ސަމާލުވޭ،" ޑައިވަރު ބުންޏެވެ.

ޓޫރިސްޓުން ގޮވައިގެން ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރާ ގައިޑުން ބުނާ ގޮތުގައި ދިވެހިންނަށް ވުރެ ބޮޑަށް ޓޫރިސްޓުން ދިރޭތަކެތި ހިމާޔަތް ކުރަން އިސްކަންދޭ ކަމަށެވެ.

"ރަށްރަށް ގޮސް އުޅޭއިރު ބުޅަލެއް ފެނުނަސް ދިވެހިން އެ ތަކެއްޗާ މެދު އަމަލު ކުރާ ގޮތާ ތަފާތުކޮށް ޓޫރިސްޓުން އަމަލު ކުރަނީ. އެމީހުން އެފަދަ ތަކެއްޗަށް ކާންދޭނެ. މިގޮތަށް ޓޫރިސްޓުން މާބޮޑަށް އެފަދަ ތަކެއްޗަށް ކަމޭ ހިތާ. އެހެންވެ ވަރަށް ހިތާމަވެރިކަމެއް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށް ގެއްލުން ދިނުމަކީ،" ޓުއާ ގައިޑެއް ބުންޏެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށް ގެއްލުން ދީފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރެވެން އޮވެ އެވެ. މިކަމުގެ އަދަބު ކުޑައެއް ވެސް ނޫނެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ގެއްލުން ދީފިނަމަ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި މިފަދަ ތަކެއްޗަށް ގެއްލުންދޭ މީހުންގެ ސަބަބުން ރާއްޖޭގެ ނަން ކިލަނބު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" މިހާތަނަށް ވެސް މަސްވެރިކަމުގެ ގާނޫނުގެ ދަށުންނާއި ތިމާވެށީގެ ގާނޫނުގެ ދަށުން ވެސް އެބަހުރި ފިޔަވަޅުތަކެއް އަޅާފައި. އޭގެތެރޭގައި އެއްޗިހި އަތުލުން ފަދަ ފިޔަވަޅުތައް ހިމެނޭ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިމާޔަތް ކޮށްފައިވާ އެއްޗެއް ފޮޓޯ ނަގަން ހިފުމަކީ ވެސް "އެދެވިގެންވާ ކަމެއް" ނޫން ކަމަށެވެ.

"ހިމާޔަތް ކޮށްފައި ހުރި އެއްޗަކަށް ގޯނާ ކުރެވިގެން ނުވާނެ. އެ ހިފުމަށްފަހު ދޫކޮށްލި އަސް އެވާނީ ގޯނާ ކުރިކަމަށް. އެފަދަ އެއްޗެއް ހިފޭނަމަ ރަނގަޅީ އޮޑިއަށް ވެސް ނުނަގާ އެ ދޫކޮށްލުން. އެ ނަގައި އެއާއެކު ފޮޓޯ ނެގުމަކީ ހަގީގަތުގައި އެ އަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. މިފަދަ ކަންތައް ކުރާނަމަ އެ ދިރިއުޅެން ވަރަށް ދަތިވާނެ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިމާޔަތް ކޮށްފައިވާ ތަކެއްޗަށް ގެއްލުމެއް ދީފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ ފުރުސަތު ގާނޫނު ތަކުން ލިބިދޭ ކަމަށެވެ.

"ތިމާވެށި ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ގޯނާ ކުރާނަމަ 25000ރ. އިން ޖޫރިމަނާ މި ފެށެނީ. ގޯނާކުރި ތަކެތީގެ އަދަދު ގިނަ ވާނަމަ ޖޫރިމަނާ ވެސް ބޮޑު ވެގެން ދާނެ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައި ހުރި އެއްޗެއް ހިފައިފިނަމަ ވެސް ޖޫރިމަނާތަކެއް ހުރޭ،" ނައީމް ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ބާވަތްތަކަށް ގެއްލުން ދިނުމަކީ މަނާ ކަމެކެވެ. އެހެންކަމުން ހުރިހާ ދިވެހި ރައްޔިތުންވެސް މިފަދަ އަމަލުތަކުން ދުރުވަން ޖެހެ އެވެ.