ހަބަރު

2800 އަށްވުރެ ގިނަ ޓީޗަރުން ޑިގްރީއަށް ތަމްރީން ކުރަން އެއްބަސްވެއްޖެ

ދެހާހަށްވުރެ ގިނަ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރަން އެޑިއުކޭޝަން މިނިސްޓްރީއާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ސޮއިކޮށްފި އެވެ.

ތައުލީމީ ދާއިރާގައި މިހާރު ހިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން ޑިގްރީ ފެންވަރަށް ކިޔަވަން ބޭނުންވާ 2800 އެއްހާ މުދައްރިސުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ މަގުފަހިކޮށްދިނުމަށް އެމްއެންޔޫއާއި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އޮފިސާ އިބްރާހިމް އިސްމާއިލް އެވެ. އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ތިބި ކޮންމެ ޓީޗަރަކަށް ވެސް މިއަހަރު ޖޫން މަހު އެމްއެންޔޫއިން ފަށާ ޓީޗިން ޑިގްރީ ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ. އެއްބަސްވުމުގެ ދަށުން ޑިޕްލޮމާ އޮތް ކޮންމެ ޓީޗަރަކަށް ކޯސްތަކަށް ކުދިން ނަގާއިރު އިސްކަންދޭނެ އެވެ. ތަފާތު 24 ކޯހެއްގައި ބައިވެރިވެވޭނެ ފުރުސަތު ޓީޗަރުންނަށް އެބަ އޮތެވެ.

ދެހާހަށްވުރެ ގިނަ ޓީޗަރުން ތަމްރީންކުރުމަށް ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން ޑރ. ފަވާޒް ވިދާޅުވީ، ޖޫން މަހުން ފެސިގެން ކޯސްތަކުގައި ކިޔެވޭނެ ފުރުސަތު ފަހިކޮށްދޭއިރު އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔަވަން އެންމެ ފަސޭހަ ގަޑިތަކާ ބެހޭގޮތުން މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ ސްކޫލްތަކުގައި ތިބި ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްގެން ތިބި ބަޔަކަށް ހެދުމަށް އެމިނިސްޓްރީން 2014 ވަނަ އަހަރު ފެށި މަސައްކަތް މިދިޔަ އަހަރުގެ ނިޔަލަށް ކާމިޔާބުވި ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން މިހާރު އަމާޒު ހިފާފައިވަނީ ސްކޫލްތަކުގައި ކިޔަވައިދޭ ކޮންމެ މުދައްރިސަކީ ޑިގްރީ ސަނަދެއް އޮތް މުދައްރިސަކަށް ހެދުމަށް ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ. ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ އަހަރަކަށް ދައްކަންޖެހޭނީ 5040ރ. އެވެ.