ރައްޔިތުންގެ މަޖިލިސް

ޕޭ ކޮމިޝަން އެކުލަވައިލުމުގެ ބިލު ފާސްކޮށްފި

ދައުލަތުގެ މުވައްޒިފުންގެ މުސާރައާއި އިނާޔަތްތައް ހަމަހަމަ އުސޫލެއްގެ މަތިން ކަންޑައެޅުމަށް ޕޭކޮމިޝަނެއް އެކުލަވައިލުމަށް ސަރުކާރުން ފަރާތުން ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފި އެވެ. ޕޭ ކޮމިޝަން ބިލް މަޖިލީހުން ފާސްކޮށްފައިވަނީ، 49 މެންބަރުންގެ ވޯޓާއެކުގަ އެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް މެންބަރު އަލީ ޝާހު ވިދާޅުވެފައިވަނީ، ދައުލަތުގެ މުވައްޒިފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ބާރު ލިބިގެންވާ ފަރާތްތަކަށް އަޅައި ކިޔާ ނުވަތަ ބުރަވާނެ ޕްރޮފެޝަނަލް މިނގަޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުރުމަށް މަގުފަހި ކުރުން ކަމަށާއި މުވައްޒިފުންނަށް ދެވޭ މުސާރަ އާއި އިނާޔަތް ތަކުން އުފެއްދުން ތެރިކަން އިތުރުކޮށް ފަންނާއި ގިންތިތައް އަދި ފަންތިތަކުގެ މެދުގައިވާ ތަފާތުތައް ހަނި ކުރަން ކަމަށެވެ.

"މިއަދު މުޖުތަމައުން ފެންނަ ހަގީގަތަކީ އެއް ފާހެއް ހޯދައި ތައުލީމީ ގޮތުން އެއް ހަރުފަތުތަކެއް ގިރާކޮށް ތަޖުރިބާގެ ގޮތުން އެއް ހިސާބަކަށް ގޮއްސަ ތިބޭ ބޭފުޅުންގެ ވެސް އެބަހުރި މުސާރައިގެ ތަފާތުތަކެއް. އެހެންވީމަ މިތަފާތުތައް ނައްތާލައި ރައްޔިތުންނަށް ނުވަތަ ދައުލަތުގެ މުވައްޒިފުންނަށް ހަމަހަމަ ކަން ގެނެސް ދިނުން،" ޝާހް ވިދާޅުވި އެވެ.

އެގޮތުން މުވައްޒިފުންގެ ހައްގު ހޯދައިދީ އެފަދަ ތަފާތު ކުރުންތައް ނައްތާލުމަށް ނޭޝަނަލް ޕޭކޮމިޝަނެއް އުފަދަން ޖެހޭ ކަމަށް ބިލްގައި ވެއެވެ. އަދި އެކޮމިޝަނުގައި އެއިރެއްގެ ފިނޭންސް މިނިސްޓަރާއެކު ފަސް މެމްބަރުން ހިމެނޭކަމަށް ވެސް ބިލުގައި ބުނެ އެވެ.