ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލި ކަމަށް އެއްބަސްވެ ދަށު ކޯޓަށް ދީފައިވާ ބަޔާނަކީ ފުލުހުން ބިރު ދައްކައިގެން، އެ މީހުން ބުނިގޮތަށް ދީފައިވާ ބަޔާނެއް ކަމަށް ނަޖީބް މަރާލިކަން ސާބިތުވެ، މަރުގެ ހުކުމް އައިސްފައިވާ އަހުމަދު މުއްރަތު ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ޖޫން، 2012 ގައި ނަޖީބް މަރާލުމުން މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި މުއްރަތު ބުނީ ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު އެ ޝަރީއަތުގައި ދައްކަންވީ ވާހަކަތައް ކިޔައިދެނީ ފުލުހުން ކަމަށެވެ. އަދި އެއާ ޚިލާފަށް ޝަރީއަތުގައި ވާހަކަ ދައްކާ ނަމަ ފުލުހުން އޭނާ ކައިރީގައި ތިބެގެން ކޮށްޓާ ކަމަށް މުއްރަތު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެކަން ކުރަނީ ފުލުހުންގެ އޮފިސަރެއް ކަމަށް ވާ "ސާމިހު" ކިޔާ މީހެކެވެ.
މުއްރަތު ބުނީ އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ މަންމަ ވެސް ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުން ދެމުންދިޔަ ކަމަށާއި އެހެންވެ އެކަމާ ބިރުން ފުލުހުން ބުނި ގޮތަށް ޝަރީއަތުގައި އެއްބަސްވީ ކަމަށެވެ. އެހެންވެ އެކަންކަން ސާފުކުރުމަށް އެ ފުލުހުން ޝަރީއަތަށް ހާޒިރުކޮށް ދިނުމަށް މުއްރަތު މިއަދު ތަކުރާރުކޮށް އެދުނެވެ.
އެ ފުލުހުން ހާޒިރުކުރަން އުޅެނީ ކޮން ކަމެއް ސާބިތުކުރަންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން މުއްރަތު ފުރަތަމަ ބުނީ އެއީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ސާބިތުކޮށްދޭން ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ވަނީ މުއްރަތު ކަމެއް ކުރިކަން ނުވަތަ ނުކުރާ ކަން ފުލުހުންނަށް އެނގޭނީ ކިހިނެތްތޯ ވިދާޅުވެ، އެކަމާ ސުވާލު އުފައްދަވައިފަ އެވެ.
އެގޮތަށް ފަނޑިޔާރުން ވިދާޅުވުމުން މުއްރަތު ދެވަނަ ފަހަރަށް ބުނީ އެ ފުލުހުން ހާޒިރުކުރަން އޭނާ އެދެނީ ކޮން ސަބަބަކާ ހެދިކަން މިހާރު ބުނަން ބޭނުން ނުވާ ކަމަށާއި އެ ވާހަކަ ދައްކާނީ އެ މީހުން ހާޒިރު ކުރުމުން ކަމަށެވެ. އެ ފުލުހުން ހާޒިރުކޮށް ދިނުމަށް މުއްރަތު ތަކުރާރުކޮށް އެދުނު ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ފުލުހުން ހާޒިރުކުރާނީ އެކަން ކުރަން ފަނޑިޔާރުންނަށް ފެންނަ ނަމަ ކަމަށެވެ.
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މިއަދުގެ އަޑުއެހުމަށް މުއްރަތު ހާޒިރުވިއިރު އޭނާ އައީ ފޮތަކާއި ބައެއް މައުލޫމާތު ހިމެނޭ ކަރުދާސްތަކެއް ހިފައިގެނެވެ. އެގޮތުން އޭނާއަކީ މެތަޑޯން ބޭނުންކުރާ މީހެއް ކަމަށާއި އޭތި ބޭނުންކުރާ މީހުންނަށް ވާނެ ގޮތްތަކުގެ އިތުރުން ކުރިން ދުވަހަކު އޭނާ ވެއްޓިގެން އަނިޔާތަކެއް ވެފައިވާކަން އަންގައިދޭ ލިޔުންތަކެއް އޭނާ ޝަރީއަތަށް ހުށަހެޅި އެވެ.
މުއްރަތު ބުނިގޮތުގައި މިއަދުގެ އަޑުއެހުމަށް އޭނާ ގެނައި ފޮތަކީ ބުއްދި ސަލާމަތުން ނެތް މީހުން ޝަރީއަތުގައި ދައްކާ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށް ބަޔާންކުރާ ފޮތެކެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމަކީ އެންމެ ފަހުގެ އަޑުއެހުން ކަމަށާއި އެ އަޑުއެހުމަށް ދެ ފަރާތުން ވެސް ތައްޔާރުވާން ޖެހޭނެ ކަމަށެވެ. އެދުވަހުގެ އަޑުއެހުމަކީ ވާހަކަ ދައްކަން ދެ ފަރާތަށް ވެސް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ވެސް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗަށް މިއަދު ވަނީ ބައެއް ބަދަލުތައް އައިސްފަ އެވެ. އެ ބެންޗުގައި ކުރިން ހިމެނުނު ފަނޑިޔާރު ޔޫސުފް ހުސައިން އިއްޔެ ރިޓަޔާ ކުރެއްވުމާ އެކު ޔޫސުފްގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ ކުރިން ވެސް އެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނެވެ.
ނަޖީބް މަރާލި މައްސަލައިގައި މުއްރަތު އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ހަނާގެ ފަރާތުން ވެސް ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.