ޑިސްކައުންޓް އަގުތަކަކާއެކު ހައްޖު ކޯޕަރޭޝަނުން ރޯދަމަހުގެ ފުރަތަމަ ދިހައިގައި ކުރަން ހަމަޖެހިފައިވާ އުމްރާ ދަތުރުތައް އިއުލާންކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އިސްލާމިކް ކަލްޗަރަލް ޓުވާއެއް ފަށާފަ އެވެ. އެ ޓުއާ ނިންމާލާނީ މި އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އެ ޓުއާގައި ގަދީމީ ތަންތަނަށް ދިޔުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ދޭނެ އެވެ. ދެން އެންމެ އަވަހަށް އޮންނާނީ ރޯދަމަހުގެ ފުރަމަތަ ދިހައިގައި ކުރާ އުމްރާ ދަތުރެވެ.
ހައްޖު ކޯޕަރޭޝަންގެ މާކެޓިން ހެޑް ހަސަން ޝިނާން ވިދާޅުވީ، ފުރަތަމަ ދިހައިގައި ކުރާ އުމްރާ ދަތުރަށް ކަނޑައަޅާގައިވާ ޖުމްލަ އަގަކީ 25،965ރ. ކަމަށެވެ. ނަމަވެސް އެ ދަތުރަށް ހަތަރު މީހުންގެ ގްރޫޕަކުން އެއްފަހަރާ ރަޖިސްޓްރީ ކުރާނަމަ ކޮންމެ މީހަކަށް 1000ރ. ގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އަދި 10 މީހުންގެ ގްރޫޕަކުން ރަޖިސްޓްރީ ކުރާނަމަ 1500ރ. ޑިސްކައުންޓްގެ ގޮތުގައި ކޮންމެ މީހަކަށް ދޭނެ ކަމަށެވެ. އަދި ކުޑަކުދިން ހިމެނޭ އާއިލާއެއް ނުވަތަ ގްރޫޕެއްނަމަ ކުއްޖާގެ އުމުރަށް ބެލުމަށްފަހު އެ ކޯޕަރޭޝަނުން ނިންމާ ޑިސްކައުންޓެއް ކުއްޖާއަށް ވެސް ދޭނެ ކަމަށެވެ.
އެ އުމްރާ ދަތުރަށް އަންނަ މޭމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ފައިސާ ދައްކައި ނިންމަންޖެހެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ ދަތުރަކަށް ވުމުން ރަޖިސްޓަ ކުރާ ގަޑީގައި ވަކި އަދަދެއް ދައްކަން އެކުންފުނިން ލާޒިމެއް ނުކުރެއެވެ. އެ ފަރާތަކަށް އެންމެ ފަސޭހަ ގޮތަކަށް އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމުން ރަނގަޅުވާނެ ކަމަށް ސިނާން ވިދާޅުވި އެވެ.
ރޯދަމަހުގެ ފަހު ދިގައިގައިވެސް ހައްޖުކޯޕަރޭޝަނުން އުމްރާ ދަތުރެއް ކުރާނެ އެވެ. ނަމަވެސް އެ ދަތުރަށް ރަޖިސްޓްރީވުމުގެ މުއްދަތު މިމަހުގެ 14 އިގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މި އަހަރު ހައްޖު ކޯޕަރޭޝަނުން ކުރާ އެންމެ ފަހުގެ އުމްރާ ދަތުރު އޮންނާނީ އަންނަ ޑިސެމްބަރު މަހު އެވެ. ސިނާން ވިދާޅުވީ، ޑިސެމްބަރު އެކެއްގައި އޮންނަ އުމްރާ ދަތުރަށް 34،965ރ. ދައްކަން ޖެހޭއިރު އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ ފަތާތްތަކުން އެ ފައިސާ އަންނަ އޮކްޓޯބަރު 31 ގެ ކުރިން ދައްކަންޖެހޭ ކަމަށެވެ. އެ ދަތުރުގެ ލާރި ވެސް ބައިބަޔަށް ދައްކައި ހަލާސްކުރެވޭނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރޭޝަން އާ އެކު 5000ރ. ދައްކަން ޖެހޭނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ހައްޖާއި އުމްރާއަށް ނަގާ ފީއަކީ، ރަޖިސްޓްރީ ވާ ދުވަހުން ފެށިގެން އެކަމަށް ދާ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ނަގާ ފީ އެއް ކަމުން، ފައިސާ ދައްކާ ފަރާތްތަކުގެ ހުރިހާ ކަމެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާނެ ކަމަށް ސިނާން ވިދާޅުވި އެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ވެކްސިން ދިނުމާއި، އަޅުކަމާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރަށް، އެކޮމޮޑޭޝަން ވެސް ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.