ރިޕޯޓް

ބޯ ދުމުގެ ތެރެއިން ފެނުނު ހީރޯ މިހުރީ!

އޭނާއަކީ ކަމެއް ދިމާވުމުން ބަލަން ހުންނަ މީހެއް ނޫނެވެ. ކަމެއް ގޯސްވަންޏާ އެކަމަކަށް ބަލަހައްޓައިގެން އޭނާއަކަށް ނުހުރެވޭނެ އެވެ. އަބަދުވެސް ކަންކަމުގައި ބައިވެރިވެ އެހީވުމަކީ އޭނާގެ އެންމެ ބޮޑު ޝައުގުވެރި ކަމެކެވެ. އަބްދުﷲ ޝަކީބު ދަންނަ ކޮންމެ މީހަކު ވެސް އޭނާއާމެދު ބުނަނީ އެހެންނެވެ. މި ޝަކީބަކީ ކޯސްޓަލައިން ހާޑްވެއާގައި އަލިފާން ރޯވެ އުފެދުނު ކަޅު، ބޯ ދުންގަނޑުގެ ތެރެއިން ހިމަ ފެން ހޮޅިއަކާއެކު ފެނިލައި ދުނިޔޭގެ ސަމާލުކަން ހޯދި "ހީރޯ" އެވެ. މިއީ އޭނާގެ ވާހަކަ އެވެ.

މަޖީދީ މަގުގައި ހުންނަ އެ ފިހާރާގައި ރޯވެ ބާރަށް ފެތުރިގަތް އަލިފާންގަނޑު ނިއްވައިނުލެވިގެން އެންމެން ޖަޒުބާތުގައި ޖެހިފައި ތިބި އެންމެނާއި ދުނިޔޭގެ ތައުރީފު ވެސް އަމާޒުވެގެން ދިޔައީ ޝަކީބުއަށާއި އޭނާގެ ހިތްވަރަށެވެ. އަލިފާން ފެތުރުނު ބާރު މިނަށްވުރެވެސް ބާރަށް ސޯޝަލް މީޑިއާގައި ޝަކީބުގެ ފޮޓޯ ދައުރުވި އެވެ. ޓްވިޓަރުގައި ޝަކީބުއަށް ސަނާ ކިޔަމުން ދަނިކޮށް، ޝަކީބު ވާހަކަ އެންމެ ފުރަތަމަ "އަވަސް"އިން ފީޗާ ކުރި އެވެ. އެ ފަހުން ޝަކީބުގެ ވާހަކަ ނުލިޔާ ނޫހެއް ރާއްޖޭގައި މެދެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ދުނިޔޭގެ މީޑިއާތަކަށް ވެސް ޝަކީބުގެ ފޮޓޯ އަރައި މަޝްހޫރުވި އެވެ.

ޝަކީބުއާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިއޮތީ ލިބިފަ އެވެ؛ ފޮޓޯއިން ފެނުނުހާ ތަފާތުކޮށް ޝަކީބަކީ އާންމު ދިރިއުޅުމުގައި ވެސް މުޅީން ތަފާތު މީހެކެވެ. ސަރުކާރު ވަޒީފާއެއް އަދާކުރަމުން އަންނަ ޝަކީބަކީ ކަމެއް ހިނގާނަމަ، ހާދިސާއެއް ކުރިމަތިވެއްޖެ ނަމަ އެކަމަށް އެޓެންޑްނުވެ ނުހުރެވޭ މީހެކެވެ.

"ވަކި މި އަލިފާނުގެ ހާދިސާއެއް ނޫން، ކޮންމެ ކަމަކާ ދިމިޔަސް އެކަމަކަށް އެޓެންޑްނުވެ ހުރުމަކީ އަޅުގަނޑުގެ ހިތަށް އެއްވެސް ވަރަކަށް ފަސޭހަ ކަމެއް ނޫން، އެގޮތުން އެ ދުވަހު އަލިފާން ރޯވެފައިވަނިކޮށް ވެސް އަޅުގަނޑު އަމަލުކުރީ. އެއީ އަޅުގަނޑަށް ވިސްނުން އެންމެ ރަނގަޅު ގޮތް، އެ ވަގުތަށް،" ޝަކީބު ކިޔައިދިނެވެ.

ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާނަކީ ފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރިވެފައި ގެއްލުން ވެސް ބޮޑުވި ހާދިސާއެވެ. އެތައް ފިލާވަޅެއް ވެސް ލިބިގެން ދިޔަ ހާދިސާއެކެވެ. ހަމަ އެހެންމެ އެ ހާދިސާގައި އެންމެ ބޮޑު ފިލާވަޅެއް ދިވެހިންނަށް ދަސްކޮށްދިން ދިވެއްސަކީ ވެސް ޝަކީބު އެވެ. އެއީ އޭނާ ބޭނުންވި ގޮތްވެސް މެއެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑު ޖެހި ފެނުން އަދި އެ ހޮޅިން އެ އަލިފާންގަނޑު ނުނިއްވޭނެކަން، ވަރަށް ހިމަ ހޮޅިއެއް، އެހާ މަދު ފެން ހުރީ ވެސް، އެކަމަކު އަތް އުރާލައި ބަލަހައްޓައިގެން ނުހުންނަން ވެގެން އަޅުގަނޑު އަލިފާނަށް ފެން ޖެހީ! އެވަގުތު އެކަމާ ނޫޅޭ އަޅުގަނޑަށް ހަމަ އިމާރާތުން ފައިބައިގެން ދެވިވެސް ދާނެ ދެއްތޯ؟" އޭނާ ބުންޏެވެ.

އަލިފާން ރޯވެ އަނދައިގަތް ވަގުތު، ޝަކީބުގެ އާއިލާ ދިރިއުޅޭ ސަންފްރަންޓް ބިލްޑިންއަށް އަލިފާންގެ އަސަރުކޮށްފާނެ ކަމަށް އޭނާ ފުރަތަމަ ހިއެއް ނުކުރެ އެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލު ނުވެ ދިމަ ދިމާއަށް ދުއްވައިގަތުމުން އެ އިމާރާތަށް ވެސް ގެއްލުންތަކެއްވާނެކަން އެނގުނެވެ. އޭރު ސިފައިން ވަނީ އެ އިމާރާތް ހުސްކުރަން ވެސް އަންގާފަ އެވެ. އިމާރާތުގެ ހަތްވަނަ ބުރީގައި ދިރިއުޅެމުން ދިޔައީ ޝަކީބު އާއި އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއި މުސްކުޅި ބަައްޕަ އެވެ. ބައްޕައަކީ 81 އަހަރުވެފައިވާ އަމިއްލައަށް ހިނގާ ބިނގާވެ އުޅެން ދަތި މީހެކެވެ. ސިފައިންގެ އެންގުމަށް އެ ދުވަހު ޝަކީބު ވަނީ ބައްޕަ އިމާރާތުން ބަލާ، ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފަ އެވެ.

ބައެއް މީހުން ހިތަށް އަރާނެ އެވެ؛ ހިމަ ހޮޅިން ޝަކީބު ޖެހި ފެނުން އެ ދުވަހު ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަމަށް ޝަކީބު މިއޮތީ ޖަވާބެއް ދީފަ އެވެ. ގަދަ ހޫނާއި ބޯ ދުންގަނޑު ތެރެއިން އަލިފާންގަނޑަށް ފެން ޖެހީ އެ އަލިފާންގަނޑު އެ ފެނުން ނިއްވާލެވޭނެތީއެއް ނޫނެވެ. އަލިފާނުގެ ސަބަބުން އެ ސަރަހައްދަށާއި އެ އިމާރާތަށް ލިބިފައިވާ ހޫނުކަން ކޮންމެވެސް ވަރަކަށް ކުޑަކުރުމަށެވެ. އެ އިމާރާތަށް އަލިފާނުގެ އަސަރުކުރުން ކުޑަކުރުމަށް ޝަކީބު ކުރީ ހަމަ އެންމެ ރަނގަޅު މަސައްކަތެކެވެ. އެގޮތަށް އެތައް ހޮޅިތަކެއް އެ ދުވަހު ފެނުނު ނަމަ، ލިބުނު ގެއްލުން ކުޑަވުމަކީ މާ ކައިރިއެވެ.

ޝަކީބު ބުނި ގޮތުގައި އެފަދަ ދަނޑިވަޅެއްގައި ގިނަ ފަހަރަށް ކުރާނެ ނުކުރާނެ ކަމެއް މީހުންނަކަށް ނުވިސްނެ އެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވަގުތު ފެން ޖެހެން އޮންނަ އިރު ވެސް ފެން ޖެހުމުގެ ބަދަލުގައި ހަރުގަނޑެއް ހޯދަން ވެސް އުޅެވިދާނެ އެވެ. މިއީ ހާދިސާއެއްގެ ތެރޭގައި ވަރަށް ގިނަ މީހުންގެ ހާލެވެ. އެފަދަ ދަނޑިވަޅުތަކުގައި ފުރިހަމަ ބުއްދިން މަސައްކަތްކުރަން ވަރަށް ގިނަ ފަހަރު އޮންނަނީ ނުކުޅެދިފަ އެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަހު ހޮޅި ހިފައިގެން ހުރީ އެއްގޮތަކަށް ވެސް ބައެއްގެ ސަމާލުކަން ހޯދާކަށް ނޫނެވެ. އޭނާގެ ފޮޓޯގަނޑެއް މުޅި ދުނިޔޭގައި ދައުރުވިކަން އެނގުނީ ވެސް މާ ފަހުންނެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަ އެ ވާހަކަ ނޫސްތަކުގައި ގެނެސްދިން ގޮތާމެދު ހިތްހަމަ ޖެހުނެވެ. އެ ވަގުތު އޭނާއާ ބައްދަލުކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބުދިނެވެ. ދެއްކުންތެރިކަމެއް ޝަކީބުގެ ނެތްއިރު އޭނާގެ ފޮޓޯއެއް ނަގަން ވެސް އޭނާ ބޭނުމެއް ނުވެ އެވެ. މި ރިޕޯޓްގައި މިވަނީ ޝަކީބު ފޮނުވައިދިން ފޮޓޯއެކެވެ. އަވަސްގެ ފޮޓޯގްރާފަރުންނަށް ފެންނާކަށް ބޭނުމެއް ނުވި އެވެ.

ޝަކީބު މިވަނީ އެންމެންނަށް ފިލާވަޅެއް ނަގައިދީފަ އެވެ. އޭނާ ދޭން ބޭނުންވަނީ އެންމެ މެސެޖެކެވެ. އެއީ އެމީހެއްގެ ފެންވަރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭށޭ އެވެ. އެހީއަކީ ކުޑަ ބޮޑު މިނެއް އޮންނަ ކަމަކަށް ނުވާއިރު އެމީހަކަށް ވެވުނު ވަރަކުން އިޖުތިމާއީ ކަންކަމުގައި އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށް ޝަކީބު ގަބޫލު ކުރެ އެވެ.

ތެދެކެވެ. ގިނަ ފަހަރަށް ކަމެއް ދިމާވުމުން ތިބެވެނީ އެވެ. ޕެނިކް ވަނީ އެވެ. ފޮޓޯ އާއި ސެލްފީ ނެގުމުގައި ތިބެވި ޓްވިޓަރާއި ސޯފާގައި ވާހަކަ ސިޔާސީކޮށްލެވެނީ އެވެ. ޒިންމާއެއް ނުނެގެ އެވެ. އެއާ ހިލާފަށް ޝަކީބު ކައިރިން ފިލާވަޅު ލިބިގަނެ، ފަރުދީ ޒިންމާ އަދާކުރަން ހިތްވަރު ހޯދަން ޖެހެ އެވެ.