ހަބަރު

އެކްސްޕްލެއިނާ: މި ފެންނަނީ ބްރިޖުގެ ބައެއް ނޫން!

މާލެއާ ހުޅުލެ ދެމެދު ބްރުޖެއް އަޅައި ގުޅުވައިލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ސަރުކާރުން އިއުލާންކުރި ފުރަތަމަ ދުވަސްވަރު އެހާބޮޑު "ޖޯކެއް" ވެސް ނެތެވެ. ހިޔާލީ ކަމެއް ކަމަށް ދެކިގެން ގިނަ ބަޔަކު ތިއްބާ ކުއްލި އަކަށް ފެނުނީ މަސައްކަތް ފަށައި، މިހާތަނަށް ރާއްޖެ ނާންނަ ވަރުގެ ބޮޑެތި އުޅަނދު ފަހަރުތައް ބަނދަރު ކުރިތަނެވެ. ބްރިޖު އަޅައި ސަރަހައްދު ކަނޑުންނާއި އެއްގަމުން ބަނދުކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ. ވަރަށް ބާރު ސްޕީޑެއްގައެވެ.

ބްރިޖު އެޅުމުގެ މަސައްކަތް ރާއްޖޭގައި ކުރިޔަށްދާ ގޮތް ތަފާތެވެ. މަސައްކަތް ކިހާ ހިސާބެއްގައިތޯ ބަލަން ސަރުކާރަށް ދަންނަވާކަށް ނުޖެހެއެވެ. ލޮނުޒިޔާރަތް ކޮޅުން ލޯކުރިމަތިން އެހިރީ ފެންނާށެވެ. ގިނަ ބަޔަކު އުންމީދީ ދޯދިތައް ބަލަން ލޮނުޒިޔާރަތް ކޮޅަށް އެއްވާ އިރު، ދުވަސްކޮޅެއް ކުރިން ފެންމަތިން ދައްކައިލި ފުރަތަމަ ނިޝާނާއި އެކު އެންމެން ހައިރާންވެ އުފަލުން ހިތްތައް ފުރުނެވެ. ބްރިޖު "ޔަގީން" ވެއްޖެ ކަން އިދިކޮޅު ފަރާތްތަކަށް ވެސް ގަބޫލު ކުރެވިއްޖެ އެވެ. ތެދެކެވެ. ދެން ބްރިޖު ނާޅައި ދެން ނުހުއްޓާނެ އެވެ. ނަމަވެސް ސުވާލަކީ ފެންމަތިން އެންމެ ފުރަތަމަ ދައްކައިލި ރަތްކުލައިގެ ބޮޑު ޕްލެޓްފޯމަކީ ކޯއްޗެއް ހެއްޔެވެ. އެއީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރުޖުގެ ބައެއް ހެއްޔެވެ؟

ކަނޑުއަޑިޔަށް ބޮޑެތި ހޮޅިތަކެއް ފައްތައި ފުނަށް ޖަހައި އޭގެ މަތިން ބޮޑު ބިޔަ ޕްލެޓްފޯމެއް އެޅުމުން ގިނަ ބަޔަކަށް ހީވެގެން ދިޔައީ އެއީ ބްރިޖުގެ ފައުންޑޭޝަން ނޫނީ ތަނބުތައް ޖަހަން ފެށީ ކަމަށެވެ. ހުދު ސަރުކާރު ޕްރޮމޯޓުކުރާ "އަސުރުމާ" ގްރޫޕް އިން ވެސް އެ ޕްލެޓްފޯމުގެ ފޮޓޯ ދައުރު ކުރީ ބްރިޖުގެ ތަނބުތައް ފެންނަން ފަށައިފި ކަމަށް ބުނެއެވެ. އެހެން ކަމުން ހަގީގަތަކީ ކޮބައިކަން ސާފުކޮށްލަން، އެ ޕްލެޓްފޯމް މަތީ ހުރެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކައިރިން އަހާލީމެވެ.

"މިއީ ބްރިޖުގެ ބައެއް ނޫން. މި ޕްލެޓްފޯމްތައް ބަހައްޓަނީ އަސްލު ބްރިޖުގެ ފައުންޑޭޝަން ޕައިޕްތައް ބަހައްޓައި ކޮންކްރީޓު އަޅަން. މި ހުރިހާ ޕްލެޓްފޯމްތަކެއް އަޅައި ނިމުމުން ވަގުތީ ޓްރެސިލް ބްރިޖެއް އެޅިގެންދާނެ. އެ ބޭނުންކޮށްގެން އަސްލު ބްރިޖުގެ މަސައްކަތް ފެށިގެންދާނީ. އެގޮތުން ފަސް ޕްލެޓްފޯމް ބަހައްޓާއިރު އެ މަސައްކަތް އަންނަ މަހު 10 ގައި ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ޕްލެޓްފޯމްތައް އަޅައި ނިމުމުން އޭގެ އެހީގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމުގެ މަސައްކަތްތައް ފަށައި، ތަނބުތައް ޖެހުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

އަސްލު ބްރިޖު ކޮބާ؟

ކޮންމެއަކަސް މިހާރު ޕްލެޓުފޯމްތައް އަޅަމުން ދަނީ ބްރިޖު އަޅައިތާންގައި ކަމަށްވާތީ އެއީ ބްރިޖު ކަމަށް ގިނަ ބަޔަކަށް ހީވެސް ވެދާނެ އެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ހަގީގީ ބްރިޖު ހުންނާނީ މިހާރު ވަގުތީ ޕްލެޓުފޯމްތައް އަޅައިފަ ހުރި ތަނާއި ޖެހިގެން ބޭރަށް ކަމަށެވެ.

"އަސްލު ބްރިޖުގެ ތަނބުތަކުގެ މަސައްކަތް ކުރެވޭތަން ފެންނާނީ ވަގުތީ ޕްލެޓްފޯމްތައް އަޅައި ނިމުމުން. އޭރުން އޭގެ ވާތްފަޅީގައި ބޭރަށް ވާގޮތަށް ބްރިޖު އަޅަން ފަށާނެ. ތަނބުތަކުގެ ކޮންކްރީޓު އަޅާނީ މި ޕްލެޓްފޯމް ބޭނުންކޮށްގެން. ބްރިޖުގެ އެ މަސައްކަތްތައް ކޮށް ނިމުމަށް ފަހު ޕްލެޓްފޯމްތައް ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖުގެ ތަނބުތައް ޖެހުމަށް ފައުންޑޭޝަނަށް ބޭނުންވާ ބައެއް މަސައްކަތް ޗައިނާގެ ޝެންހާއީގައި ވެސް ކުރިޔަށް ދެއެވެ. އަދި އެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުވެސް އެތެރެކުރެވެމުންދެ އެވެ. އެގޮތުން އަސްލު ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ 21 ޕައިޕްއެއް މި ހަފްތާތެރޭގައި ގެނެސްފައިވެ އެވެ.