ހަބަރު

ދިވެހި ރެޑް ކްރެސެންޓްގެ 8 ވަނަ އާންމު މަޖިލިސް ފަށައިފި

ކުރިއަށް އޮތް ދެ އަހަރަށް ދިވެހި ރެޑްކްރެސެންޓުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ހަމަޖެއްސުމާއި އެކި އަތޮޅުތަކުގައި ހުރި ފޯކަލް ޕޮއިންޓްތަކަށް ބަޖެޓް ކަނޑައަޅައި ޖަމިއްޔާގެ ހިންގުމުގެ ކަންކަން ހަމަޖައްސަން ބާއްވާ އެ ޖަމިއްޔާގެ އަށްވަނަ އާންމު މަޖިލިސް މިއަދު ފަށައިފި އެވެ.

މިއަދު ގައުމީ އާޓް ގެލެރީގައި މިއަދު ފެށި އެ ބައްދަލުވުން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މިނިސްޓަރު މިއަދު ވަނީ ދިވެހި ރެޑްކްރެސެންޓްގެ އާ ވެބަސައިޓް ވެސް މިއަދު ލޯންޗުކޮށްދެއްވާފަ އެވެ.

މިއަދާއި މާދަމާ ކުރިއަށްގެންދާ އެ ބައްދަލުވުމުގެ އެޖެންޑާ މިއަދު ވަނީ ތަސްދީގުކޮށްފަ އެވެ. މެންބަރުންގެ ފަރާތުން ހުށަހެޅި ދެ އިސްލާހަކާއެކު އެޖެންޑާ ތަސްދީގުކޮށްދެއްވީ ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ނާޝިދު ވިދާޅުވީ ދިވެހި ރެޑްކްރެސެންޓްގެ ހަޔާތުގައި ހޭދަވި މަދު އަހަރުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. ދަރުމައަށް މަސައްކަތްކުރާ މަދު މެންބަރުންނާ އެކު ފެށި އެ ޖަމިއްޔާއަކީ މިއަދު އަމިއްލަ ފައިމަށްޗަށް ތެދުވެވިފައި ބައިނަލްއަގުވާމީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އެއް ޖަމިއްޔާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް ރެޑްކްރެސެންޓްގެ މަސައްކަތް ފުޅާކޮށް، އިންސާނިއްޔަތަށް ކުރާ ހިދުމަތް ފުޅާކުރުމަށް އެ ޖަމިއްޔާގެ ލަނޑުދަނޑިތަކާ ހަމަޔަށް ވާސިލުވާން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ދިވެހި ރެޑްކްރެސެންޓުން ރާއްޖެއަށް ދިމާވާ ކުޑަ ބޮޑު ހުރިހާ ހާދިސާއެއްގައި ދެމުންދާ ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެހީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ބޭރުގެ އެހީތެރިކަމަށް ބަރޯސާވުން ދިވެހި ރެޑް ކްރެސެންޓް ފަދަ ޖަމިއްޔާއަކަށް ހުއްޓުވިދާނެ ކަމަށެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓް ތަކަށް މަސައްކަތުގެ ޕްލޭން އާއި ބަޖެޓް ކަނޑައަޅާނެ އެވެ.

މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގައި ރެޑް ކްރެސެންޓްގެ ފޯކަލް ޕޮއިންޓް ގާއިމްކޮށްފައިވެ އެވެ. އެއީ، ސ، ޏ، ގދ، ގއ، ތ، މ، ޅ، ނ އަދި ހދ އެވެ.

މީގެ އިތުރުން 2017 އާ ހަމަޔަށް ދިވެހި ރެޑް ކްރެސެންޓްގެ ޕްލޭނާއި ބަޖެޓް ފާސްކުރާނެ އެވެ.