އެމްއެންޑީއެފް

ސިފައިންގެ "ފޯސް ރަން" މާލޭގައި ބާއްވައިފި

ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ފޯސް ރަން" ގެ ނަމުގައި ދުވުމެއް ބާއްވައިފި އެވެ.

އެމްއެންޑީއެފްގެ ހުރިހާ ރޭންކުތަކެއް ހިމެނޭ މި ފޯސް ރަން މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށީ ދެކުނު ގޭޓުން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، އެނބުރި ކަޅުތުއްކަލާކޮއްޓާއި ހަމަޔަށެވެ.

އެމްއެންޑީއެފް އިން ބުނީ ފޯސް މާޗް އަކީ، އަސްކަރީ ސަފުތައް އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމާއި، އަސްކަރީ އަދަބު އަހުލާގު އޭގެ އެންމެ މަތީ ފެންވަރުގައި ފެނިގެންދާ، ހާއްސަކޮށް އަސްކަރިއްޔާގެ ކާމިޔާބީތަކުގެ އުފާ ހާސިލުކުރުމަށް މުޅި ލަޝްކަރު އެކުގައި ގައުމީ ހިދުމަތުގައި ސާބިތުވެ ދެމިތިބިކަމުގެ ފުރިހަމަ ރަމްޒެއްގެ ގޮތުގައި ބޭއްވި ހަރަކާތެއް ކަމަށެވެ.

މި ފޯސަސް ރަން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ޝަރަފްވެރިކޮށްދެއްވިއިރު ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ދުވުމުގައި ބައިވެރިވި އެވެ.