ހިލަރީ ކްލިންޓަން

ބަދުނާމުކުރަން ޓްރަމްޕް ދައްކާ ވާހަކަތަކަށް ރައްދެއް ނުދޭނަން: ހިލަރީ

ބަދުނާމުކޮށް ލަދު ގަންނަވާލަން ޑޮނަލްޑް ޓްރަމްޕް ދައްކާ ކޮންމެ ވާހަކަތަކަކަށް ރައްދެއް ނުދޭނެ ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ހިލަރީ ވިދާޅުވީ، ޓްރަމްޕްގެ ކޮންމެ އިންސަލްޓަކަށް ރައްދު ނުދެއްވާނެ ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ކަނޑައަޅާ ކެނޑިޑޭޓްގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ޓްރަމްޕްގެ އެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ ހިލަރީއަށެވެ.

ހިލަރީ ވަނީ ބްލީ ނުކުރުމަށް ޓްރަމްޕަށް ނަސޭހަތްތެރިވެފަ އެވެ.

އެކަމަނާ އިއްޔެ ވިދާޅުވީ، އެކަމަނާއަށް ޓްރަމްޕްކުރާ ކޮންމެ ޖެއްސުމަކަށް ރައްދު ނުދިން ނަމަވެސް އެހެން ކޮންމެ މީހަކަށް ޓްރަމްޕް އަމާޒުކުރާ ފާޑުކިޔުންތަކާއި ކުރާ ޖެއްސުންތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.

"އަހަރެން ލަދު ގަންނަވަން ދައްކާ ކޮންމެ ވާހަކައަކަށް ރައްދެއް ނުދޭނަން، އެކަމަކު އަންހެނުންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދޭނަން، އެމެރިކާއަށް އެތެރެވާ މީހުންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދޭނަން، މުސްލުމުންގެ ދިފާއުގައި ނިކުންނާނަން، ޓްރަމްޕްގެ ނަފުރަތާއި ޖެއްސުންކުރުމުގެ ޝިކާރައަކަށްވާ ކޮންމެ މީހެއްގެ އަމާޒު ފަތްގަނޑަކަށް ވާނަން،" ހިލަރީ ވިދާޅުވި އެވެ.

ހިލަރީ ކްލިންޓަން، އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވެއްޖަނަމަ ވާނީ އެގައުމުގެ ފުރަތަމަ އަންހެން ރައީސާއަށެވެ. ހިލަރީ ވަނީ ރައީސްކަން ލިބިއްޖެނަމަ އެމެރިކާގެ އިގްތިސޯދު މިހާރަށްވުރެ ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.