ދުނިޔެ

ހިލަރީ ކްލިންޓަނަށް އާ ވަޒީފާއެއް ލިބިވަޑައިގެންފި

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންއަށް ކޮލަމްބިއާ ޔުނިވާސިޓީން ޕްރޮފެސަރެއްގެ މަގާމު ދެއްވައިފި އެވެ.

އޭނާ އެ ޔުނިވާސިޓީގައި ޕަބްލިކް އެފެއާޒް އާއި ގްލޯބަލް ޕޮލިޓިކްސްއާ ބެހޭ ގޮތުން ދަރިވަރުންނަށް އިރުޝާދު ދެއްވާނެ އެވެ.

ޔުނިވާސިޓީގެ ރައީސް ލީ ސީ ބޮލިންޖާއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ހިލަރީ ވަޒީފާއަށް ނުކުމެވަޑައިގަންނަވާނީ އަންނަ ފެބްރުއަރީ މަހުން ފެށިގެންނެވެ.

ބޮލިންޖާ ވިދާޅުވި ގޮތުގައި ހިލަރީ މަސައްކަތް ކުރައްވާނީ ދުނިޔޭގެ ސިޔާސަތާ ބެހޭ ގޮތުންނެވެ. އަދި ބައިނަލްއަގްވާމީ މާހައުލުގައި އަންހެނުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުންނެވެ.

ދަރިވަރުންނަށް އުނގަންނައި ދެއްވުމުގެ އިތުރުން އެ ޔުނިވާސިޓީއާ ގުޅުން ހުރި ސިޔާސީ ބައެއް ޕްރޮޖެކްޓްތަކަށް ލަފާ ދެއްވުމުގައި ވެސް ހިލަރީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޔުނިވާސިޓީގެ ރައީސް ވިދާޅުވި އެެވެ.

ހިލަރީ ވެސް ވަނީ އޭނާއަށް ލިބިވަޑައިގެންނެވި އާ ވަޒީފާއާ މެދު ޝައުގުވެރިވެ ވަޑައިގަންނަވާ ރާގުން ބަސްވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ޖީލަށް ސިޔާސަތު ކަނޑައަޅަން ލީޑަރުން ތައްޔާރު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެކެވެ.

ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ހިލަރީ ވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވާފަ އެވެ. އަދި އޭގެ ކުރިން ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަމަވެސް، އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގަތުމަކީ އަދިވެސް ހިލަރީ ކްލިންޓަން ގެންގުޅުއްވާ ވިސްނުމެކެވެ.