އެމެރިކާގައި 2024 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ ޔުކްރޭން ޒަމާން ދާނެ ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
ހިލަރީ ވިދާޅުވި ގޮތުގައި ޓްރަމްޕް ވެރިކަމަށް ވަޑައިގެންފި ނަމަ އެމެރިކާއިން ޑިމޮކްރަސީ ވެސް ނެތިގެން ދާނެ އެވެ.
ހިލަރީ ކްލިންޓަނަކީ އެމެރިކާގައި ފުރިހަމަ އަޣުލަބިއްޔަތުގައި ހަތަރު އަހަރުގެ ދެ ދައުރު ރައީސްކަން ކުރެއްވި ބިލް ކްލިންޓަންގެ އަނބިކަނބަލުނެވެ. ހިލަރީ ވަނީ ބާރަކް އޮބާމާގެ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓް މަގާމު ވެސް އަދާކުރައްވާފަ އެވެ.
ފައިނޭޝަލް ޓައިމްސްއާ ވާހަދައްކަވަމުން ހިލަރީ ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުކުރެއްވޭނެ ކަމަށް އޭނާ ދެކެވަޑައި ނުގަންނަވަ އެވެ. އަދި ޓްރަމްޕަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ އެމެރިކާ ނޭޓޯއިން ވެސް ވަކިކުރައްވާނެ އެވެ.
ހިލަރީ ކްލިންޓަން ވިދާޅުވި ގޮތުގައި 2020 ގައި އޮތް ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުކުރެވުނު ނަމަ އެމެރިކާ މިހާރު އޮންނާނީ ނޭޓޯއިން ވަކިވެފަ އެވެ. އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެދިވަޑައިގަންވާ ގޮތަށް ޔުކްރޭނާ މެދު ކަން ހިނގައި އޮންނާނީ ތަންފީޒުވެފަ އެވެ.
ނޭޓޯއާ މެދު އެވެނި މިވެނި ގޮތަކަށް ކަންކުރައްވަން ޕޫޓިން އެދިވަޑައިގަތް ނަމަވެސް ޓްރަމްޕް ހަމަ އެގޮތަށް ކަންކުރައްވާނެ ކަމަށް ހިލަރީ ވިދާޅުވި އެވެ.
ހިލަރީ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ނުފެނުނު ނަމަ ޗައިނާއިން ޓައިވާނަށް އަަރައިގަންނާނެ އެވެ. އެއީ ވަރަށް ބޮޑަށް ރޭވިފައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމައި ދަސްކުރަނީ ހަމައެކަނި ރަޝިއާ އާއި ޔުކްރޭން ނޫން ކަމަށް ވެސް ހިލަރީ ވިދާޅުވި އެވެ. ޗައިނާއަށް ވެސް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލަރީ ދެކެވަޑައިގަންނަވާ ގޮތުގައި ޖޯ ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން ރަނގަޅެއް ނޫނެވެ. ބައިޑަން އަކީ މާ ދޮށީ ބޭފުޅެއް ކަމަށް ވިދާޅުވެ ހިލަރީ ވިދާޅުވީ އުމުރަކީ ވަރަށް ބޮޑު ވައްސަލައަކަށް ގިނަ ފަހަރު ވާ ކަމަށެވެ.
ޓްރަމްޕް ވަނީ 2024 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ޖޯ ބައިޑަންއާ ވާދަކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންފި ބަލިކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ތިން ވަނަ ބޮޑު ހަނގުރާމައިން އެމެރިކާ ރައްކާތެރި ކުރުމަށެވެ. ޖޯ ބައިޑަން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.