މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް ކޮމިޝަނާ ކަމުން ޖުނައިދު ވަކިކޮށް އެ މަގާމަށް ޝަރީފް

ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލްގެ މަގާމުން މުހައްމަދު ޖުނައިދު ވަކިކޮށް އެ މަގާމަށް އިބްރާހިމް ޝަރީފް ހަމަޖައްސައިފި އެވެ. މީގެ ކުރިން އިބްރާޙިމް ޝަރީފު ހުންނެވި އެމްޕީއެލްގެ ސީއީއޯގެ މަގާމުގަ އެވެ. ކަސްޓަމްސް ކޮމިޝަނާ ޖެނެރަލްގެ މަގާމުން ޖުނައިދު ވަކި ކުރި އިރު އޭނާ އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސެވި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް އެކަން ޔަގީނެއް ނުވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ، ކަސްޓަމްސްގެ ކޮމިޝަނާ ކަމުން ޖުނައިދު ވަކި ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް އިބްރާހިމް ޝަރީފް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލްގެ މަގާމާ ޖުނައިދު ހަވާލުވެވަޑައިގެންފައިވަނީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. ޖުނައިދު އެ މަގާމަށް އައްޔަން ކުރެއްވީ އޭރު އެމަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަގާމުން ވަކި ކުރެއްވުމަށްފަހު އެވެ.

ޖުނައިދު ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަން ދެއްވީ އެމްޕީއެލްގެ ސީއީސޯގެ މަގާމަށް ބަދަލު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޖުނައިދު މަގާމުން ވަކިކުރުމަށްފަހު، ކަސްޓަމްސްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނާ ޖެނެރެލް އޮފް ކަސްޓަމްސްގެ މަގާމު އިބްރާހިމް ޝަރީފް އަށް ދެއްވުމަށްފަހު ‏ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސް އޮފީހުގައެވެ.