ރިޕޯޓް

އެކްސްޕްލެއިނާާ: ދޮން އަނބުން ބާޒާރު ފޮނިކޮށްލައިފި!

މާލާގެ ދަތުރުވެރިންގެ މާރުކޭޓަށް ކަރާ މޫސުމާއި ދޮންކެޔޮ މޫސުމާއި އެނޫން ވެސް ބައެއް ތަކެތީގެ މޫސުން އާދެ އެވެ. މިހާރު އައިސްގެން އުޅެނީ އަނބު މޫސުމެވެ. ފީވެގެން އުކާލަންވެސް މިދުވަސްވަރު އެންމެ ގިނައީ އަނބެވެ. މުޅި ބާޒާރުގައި ފެންނަން އޮތީ ދޮން އަނބެވެ. މާރުކޭޓް ތެރެއަށް ފައި އެޅުމުގެ ކުރިންވެސް ފެންނަނީ ކުޅުދިޔާ ކޮށްލާފަދަ ދޮން، ތާޒާ އަނބުތަކެވެ. އެއަށްވުރެ ގިނަ އެއްޗެއް މިހާރު ބާޒާރަކު ނެތެވެ. މިދުވަސްވަރު އަނބު މާ ގިނަވެގެން އުޅޭ ސަބަބެއް ބަލައިލަންވާނެ ނޫން ހެއްޔެވެ.؟

"މި ދުވަސްވަރަކީ ރާއްޖެއަށް އަނބު މޫސުން، އުތުރާއި ދެކުނަށްވެސް، އެކަމަކު މިހާރު ވަރަށް މަދުވެއްޖެ. ދެކުނުން މި ގެންނަނީ ގިނައިން. ފުވައްމުލަކުން" މާރުކޭޓުގައި އަނބު ވިއްކަން އަވަދިނެތި އުޅުނު މީހަކު ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައި އަނބު މިއަށްވުރެ ވެސް ތިޔާގި ވާނެ އެވެ.

"އަދި ރަނގަޅަށް އަނބު މޫސުން ނުފެށޭ ރާއްޖެއަށް، އޭރަށް މިހާރަށްވުރެ ގިނަވާނެ އަނބު ބާޒާރުގައި، އަގު ހެޔޮވެގެންދާނެ،" ބާޒާރުގައި އަނބު ވިއްކަން އުޅުނު އެހެނަކުން ބުންޏެވެ.

ބާޒާރުގައި އަނބު ވިއްކަން އުޅޭ ހުރިހާ ވިޔަފާރިވެރިންހެން މި ދުވަސްވަރު ވިއްކަނީ ފުވައްމުލަކު އަނބެވެ. އަދި ފުދޭ ވަރަކަށް ގިނައިން ށ. ފީވަކު އަނބުވެސް މާރުކޭޓުގައި ވިއްކަން އެބަހުއްޓެވެ. އައްޑޫ އާއި ލ. އަތޮޅުގެ އަނބުވެސް ފުދޭ ވަރަކަށް ގެނެސްފައި ވެއެވެ. އެހެން ރަށްރަށުން ގެނެސްފައިވާ އަނބު މަދެވެ.

އަގު ހުރީ 100 ރުފިޔާ އަށް ބައެއް

ދޮން އަނބު މުޅި މާރުކޭޓު ފަތަހަ ކުރަމުންދާއިރުވެސް މާރުކޭޓުގައި އަނބު ލިބެން ހުރީ އެންމެ ހެޔޮ އަގަކަށް ނޫނެވެ. އަނބު ގަންނަން މާރުކޭޓަށް ގޮސް ތިބި ބައެއް މީހުން ބުނާ ގޮތުން އެހެން އަހަރުތަކަށްވުރެ ވެސް އަގު ބޮޑެވެ. ބާޒާރުގައި އަނބު އެވްރެޖް ގޮތެއްގައި ވިއްކަން ހުރީ 100 ރުފިޔާ އަށް ބައެކެވެ. އެއިން ކޮންމެ ބައެއްގައި ހިމެނެނީ 15 އަނބު ނުވަތަ 20 އަނބެވެ. މިއީ އެވްރެޖް އަގެވެ. ވަކި ވަކިންވެސް އަނބު ވިއްކަން ހުރި އިރު ބައެއް ގޮޅިތަކުން ވަކި އަނބެއް ވިއްކަނީ ފަސް ރުފިޔާ އާއި 10 ރުފިޔާ އާއި ދެމެދުގެ އަގުތަކުގަ އެވެ. ކުދި ސައިޒުގެ އަނބު ދެ ރުފިޔާ ނުވަތަ ތިން ރުފިޔާއަށްވެސް ވިއްކަން އެބަހުއްޓެވެ.

ކުރިން ވެސް ވާހަކަ ދެއްކި އަނބުގެ ވިޔަފާރިވެރިޔާ ބުނި ގޮތުގައި ފުވައްމުލަމުން ވަކި ވަކިން އަނބެއް ގަންނަނީ ހަތަރު ރުފިޔާއަށް، ފަސް ރުފިޔާއަށެވެ. ބޮޑަށް ފައިދާވަނީ ބައި ބަޔަށް އަނބު ބަހައިގެން އަގެއް ކިޔައިގެނެވެ.

މާރުކޭޓުގައި އަނބުގެ އަގުތައް އުޅެނީ އެންމެ އެކަށީގެންވާ އަގަށް ކަމަށް ބުނާ މީހުނާ ވެސް ދިމާވި އެވެ.


" އަގު ރަނގަޅު މިތަނުން ލިބޭ، ދައްތަ މިގަތީ 100 ރުފިޔާ އަށް 15 އަނބު. އެކަމަކު ރަށުން ލިބޭ މާ އަގު ހެޔޮކޮށް. ރަށުން ލިބޭ 100 ރުފިޔާއަށް 20 އަނބު،" އަނބު ގަންނަން މާރުކޭޓަށް ގޮސް ހުރި އެ މީހާ ބުންޏެވެ.

ވިޔަފާރިވެރިން ބުނީ އަނބުން މިދުވަސްވަރު ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް މާރުކޭޓް އެތެރޭގައި ތިބެ ވިއްކަން ޖެހޭތީ އެންމެ އެކަށީގެންވާ އާމްދަނީ ނުލިބޭ ކަމަށެވެ.

"ބައެއް ދުވަސް ދުވަހު އަނބުން ލިބޭ 2،000 އެއްހާ ރުފިޔާ، އެކަމަކު އެއީ އެންމެ އެކަށީގެންވާ އާމްދަނީއެއް ނޫން، މިތާ އެތެރޭގައި ވީމަ ވިޔަފާރި ދަށްކޮށް މިއުޅެނީ،"

"މީހުން މިހާރު ވަރަށް މަދުވެއްޖެ އަނބު ގަންނަލެއް، 100 ރުފިޔާއަށް 25 އަނބު ބަޔަކަށް ލައިގެންވެސް އެބަ ވިއްކަން. އެކަމަކުވެސް މީހުން ވަރަށް ނުގަނޭ، ކުރިން މަގުމަތީ ވިއްކި އިރު މާ ރަނގަޅު، އަނބު ގަަންނަން ނައި ކަމުގައި ވިޔަސް ތާޒާ ދޮން އަނބުތައް ފެނިގެން އެމަގުން ދަމުން ކައިރިކޮށްލާފައި ގިނަ ބަޔަކު އަނބު ގަނެގެން ދާނީ،"

ފައިދާ އިން ފުރިގެންވާ މޭވާ އެއް

އަނބުގެ ވާހަކަ ދައްކާއިރު އަނބުން ލިބޭ ފައިދާތަކުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލަން ވާނެ މޭވާއެއް ނޫނެވެ. ޖޫސް އަދި ހުހަށްވެސް ބޭނުންކުރެވޭ މި މޭވާގައި ސިއްހަތަށް ފައިދާހުރި އެތައް އެތައް މާއްދާތަކެއް އެކުލެވިގެންވެ އެވެ.

އަނބަކީ އޭގައި ގިނަ އަދަދަކަށް ހިމެނޭ ފައިބާ، ޕްރޮޓީން އަދި ވިޓަމިން ސީގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ މޭވާ އެކެވެ. އަދި މިއީ ހަންގަނޑު ރީތިކޮށްދޭ މޭވާއެއް ވެސް މެ އެވެ. ގައިގައި ނަގާފައި ހުންނަ ބިހިތައް ފިލުވާލައި ހަންގަނޑު އޮމާންކޮށްދެ އެވެ. އަދި މިއީ ލޮލުގެ ފަރުވާއެއްވެސް މެ އެވެ. އަނބުގައު ހުންނަ ވިޓަމިން އޭ ގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެ އެވެ.

ކާ އެއްޗެހި ހަޖަމް ކޮށްދިނުމުގައި ފަޅޮލާ އެއްވަރުގެ ދައުރެއް އަނބު އަދާކުރެ އެވެ. އަދި މިގެ އިތުރުން އަނބަކީ ހޫނު މޫސުމުގައި ކާން އެންމެ ރަނގަޅު މޭވާ އެކެވެ. ސަބަބަކީ އަނބަކީ ހީޓް ސްޓްރޯކް ޖެހުމުންވެސް ދުރުކޮށްދޭ މޭވާ އަކަށްވާ ކަމެވެ. އަދި މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމްވެސް އިންތިހާއަށް ރަނގަޅުކޮށްދޭ މޭވާ އެކެވެ. އޭގައި ހިމެނޭ ވިޓަމިން އޭ އަދި ވިޓަމިން ސީ ގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވިޔަނުދީ ހިފަހައްޓާ ބަލިތަކުން މީހާ ދުރުކޮށްދެ އެވެ.