ހައުސިން މިނިސްޓްރީ

ބަންދުނުކޮށް ހުރި ކަޑަތައް ހުސްކުރަން ހައުސިން އިން ނިކުންނަނީ

މާލޭ ހުޅަނގު ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި މިހާރު ބަންދު ނުކޮށް ހުރި ކަޑަތައް ހުސް ކުރަން މިއަދު ހައުސިން މިނިސްޓްރީ އިން ނިކުންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އިން މިހެން ބުނި އިރު މިމަހު 18 ވަނަ ދުވަހު ހާބަރު ކަޑަތައް ހުސް ކުރަން އެންގުމައި ގުޅިގެން އެކަން ކޮށްފައި ނުވާތީ، މިދިޔަ ހޯމަ ދުވަހު ވަނީ ކަޑަތައް ހުސްކުރަން 72 ގަޑިއިރުގެ ވަގުތެއް ދީފަ އެވެ. އެ ވަގުތު ހަމަވަނީ މިއަދު ހަވީރު 4:00 ހާއިރަށެވެ.

އެކަމާއި ގުޅިގެން ހައުސިން އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިހާތަނަށް ހުސް ނުކޮށް ހުރި ކަޑަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހުސްކުރެވޭނެ ކަމަށާއި ހުސްކުރާއިރު ތަނުގައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ދައުލަތުން ނުއުފުލާނެ ކަމަށެވެ.

ހާބަރު ސަރަހައްދުގައި ހުރި ކަޑަތަށް ބަދަލުކޮށް ޒަމާނީ ފެންވަރުގެ ފުޑްކޯޓުތަކެއް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އެސްޓީއޯއަށެވެ. އެ ސަރައްދު އެސްޓީއޯ އިން ތަރައްގީ ކުރަނީ އެކުންފުނީގެ ހަރަދުގަ އެވެ. މުޅިއަކު 30،000 އަކަ ފޫޓުގެ ސަރަހައްދުގައި މިހާރު 40 ކެފޭ ހުރެ އެވެ. އެތަންތަން ނިމޭ އިރު ހުންނާނީ 25 ނުވަތަ 27 ފުޑް ކޯޓެވެ.