ރައީސް އަބްދުﷲ ޔާމީން

އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު: ރައީސް

Apr 27, 2016
1

އިންޑިޔާއަކީ ރާއްޖޭގެ އެންމެ މުހިންމު ރަޙުމަތްތެރިޔާ އަދި ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް އެރުވޭ "ޑޮކްޓަ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑް ރައީސް ޔާމީނަށް އެރުވުމަށް މިއަދު އިންޑިއާގެ ޑޭލް ވިއު އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލިބިވަޑައިގެންނެވި އެވޯޑަށްޓަކައި އިންޑިޔާ ސަރުކާރަށާ ޑޭލް ވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ތަފާތު ކަންކަމުގައި އިންޑިޔާގެ ފަރާތުން ރާއްޖެއަށާ ދިވެހިންނަށް އެހީ ވެދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ އެންމެ މުހިންމު ރަޙުމަތްތެރިޔާ އަދި ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ މުހިންމު ވައުދުތަކަށް ވެސް އަލި އަޅުވައިލެއްވި އެވެ. ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިސްކަމެއް ދެނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.

"ރައްޔިތުންނަށް ދިމާފެވައިވާ ދަތިތައް ޙައްލުކޮށްދިނުމާ ކުރީގެ ސަރުކާރުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ ހުރަސްތައް ގިރާކޮށް ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މާލެއާ ހުޅުމާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފެށިފައިވާ ކަމަށާއި ބްރިޖުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލޭ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް ވަޒަންވެރިކުރުވޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ވިދަޅުވީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ރަށެއްގައި ބިނާކުރެވިގެންދާ އެންމެ ދިގު މަގު ބިނާ ކުރުމާއި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގުން ހިމެނޭ ކަމަށައި އޭޝިއާ ސަރަޙައްދަށް ދިމާވި ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލިގެންދިޔަ ހުރިހާ ރައްޔިތުންނަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިކަމަށެވެ. ކާރިސާގެ ހިޔާވަހިކަން ގެއްލުނު ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފުރަތަމަ ޤައުމަކީ ރާއްޖެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.