ރައީސް އަބްދުﷲ ޔާމީން

އިންޑިއާ އާއި އެކު ތަމްރީނެއް ކުރިއަށް ގެންދާތީ ޔާމީން ސުވާލުއުފައްދަވައިފި

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް އިންޑިއާ އާއި ގުޅިގެން އަސްކަރީ ތަމްރީނެއް ދިވެހި ސިފައިން ކުރިއަށް ގެންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގައި ސުވާލު އުފައްދަވައިފި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އޯޑިއަންސްގައި އިންނަވައިގެން ރައީސް ޔާމީން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ތާރީހުތަކެއް ކަނޑައެޅިފައިވާ ކަމަށް ސަރުކާރުން ބުނާއިރު އިންޑިއާ އިން ކުރިއަށް ގެންދާ ތަމްރީނެއް ދިވެހި ސިފައިން ބައިވެރިވަނީ ކީއްވެތޯ އައްސަވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާގެ މަސްލަހަތުތަކެއް ރާއްޖޭގައި ހުރުމުން އިންޑިއާ ސިފައިންގެ ރުހުމުގައި އެ މީހުން ނުބޭލޭނެ ކަމަށެވެ.

"އިންޑިއާ ސިފައިން ތިބީމާ އެކަން ކަމުނުގޮސްގެން މިސަރުކާރުން މުއްދަތުތަކެއްދީ ފައިބަން އަންގައި މިހުރިހާ ކަމެއް ކޮށްފައި އަދި ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަ ވިދާޅުވަމުން ގެންދަވާއިރު އިންޑިއާ ބޭނުންވާނެހޭ އެވަރުގެ ދޯސްތީ ޕްރޮގްރާމެއް މިތާ ހިންގަން،" ޔާމީނު ވިދާޅުވި އެވެ.

އެކްސަސައިޒް "ދޯސްތީ" އެންމެ ފުރަތަމަ 1991 ވަނަ އަހަރު ފެށީ ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތެެއްގެ ގޮތުގައެވެ. މިހަރަކާތާ ސްރީލަންކާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

މި އެކްސަސައިޒްގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާ ކަނޑުގައި ހިނގާ ހާދިސާތަކުގައި ސަލާމަތްތެރިކަން ބޭނުންވާ މީހުން ހޯދައި އެމީހުންނަށް ބޭނުންވާ އަވަސް ފަރުވާ ދިނުމާއި، ކަނޑުފޭރުމުގެ ހާދިސާތަކުގައި ރައްކާތެރިކަން ދިނުމާއި ކަނޑުމަތީގައި އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެ އެވެ.

ދޯސްތީ އެކްސަސައިޒަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުރިން އެ އެކްސަސައިޒް ކުރިއަށް ގެންދިޔައީ ރާއްޖެ އާއި އިންޑިއާ "ދޯސްތުންގެ" ގޮތުގައި ތިބި އިރު ކަމަށެވެ. އެކަމަކު ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ތާރީހް ތަކެއް ދީފައި ވަނިކޮށް އެފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްދާނެތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މާޗް މަހު އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.