ޕީޕީއެމް ޕީއެންސީ އިން އިދިކޮޅުގައި ތިބެ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބާތިލްކޮށްފައި ނުވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހް ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގައެވެ. މި ގަރާރު ނެރުއްވީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް އިންޑިއާ އައުޓް ހަރަކާތް ހިންގަމުން ދިއުމާ ގުޅިގެންނެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވައިގެން ސުވާލެއް ކުރައްވާ ގޮތަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ގަރާރު މިސަރުކާރުން ބާތިލްކޮށްފައި ނުވާތީ ނުރުހުން ފާޅުކުރައްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނެވެ. އޭރު ނެރުނު ގަރާރާ އެކު އިންޑިއާ އައުޓް ހަރަކާތް މަޑުޖައްސާލީ ސަލާމާތި ބާރުތަކާ ކުރިމަތިލުމަށް ދާން ނޭދޭތީ ކަމަށްވެސް ވިދާޅުވި އެވެ.
"ބާތިލު ކުރީމަ ދެއްތޯ މާދަމާވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓްގެ ބެނާ ވެސް ހުންނާނީ. އަދި އިންޑިއާ އައުޓް މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ،" ޔާމީން ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ އިންޑިއާ އައުޓް ގަރާރާ ގުޅޭގޮތުން ބުނެފައިވަނީ އެ ގަރާރު އުވާލުމުގެ ކުރިން ބަލަންޖެހޭ ގާނޫނީ ކަންކަމަށް ބަލަމުންދާ ކަމަށެވެ. ގަރާރު އުވާލާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.
އިންޑިއާ އައުޓް ގަރާރާ އެކު ނެރުނު ކޯޓު އަމުރުތަކެއް ދަށުން ރައީސް ސޯލިހްގެ ވެރިކަމުގައި ވަނީ ރައީސް ޔާމީންގެ ގޭގަ އާއި އަދި ބައެއް އާންމުންގެ ގޭގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައްވެސް ނަގާފަ އެވެ.