ހަބަރު

ޒަމާނީ އާލާތްތައް ހިމެނޭ ހެލިކޮޕްޓަރެއް އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފި

Apr 27, 2016
1

އެންމެ ޒަމާނީ އާލާތްތައް ހިމެނޭ ހެލިކޮޕްޓަރެއް އިންޑިޔާ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. ދިވެހި އަސްކަރިއްޔާ ތަރައްގީ ކުރުމަށް އިންޑިޔާއިން ދެމުން ގެންދާ އެހީތަކުގެ ދަށުން ހަދިޔާ ކުރި މި ހެލިކޮޕްޓަރު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ހެލިކޮޕްޓަރު ރާއްޖެ ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ހެލިކޮޕްޓަރަކީ މަތީ ފަންތީގެ ބޭފުޅުން ވެސް ދަތުރުކުރެވޭ ގޮތަށް އެއާކޯން ކޮށްފައިވާ އުޅަނދެއް ކަމަށެވެ.

"މި ދަނޑުވަޅުގައި އިންޑިޔާ ސަރުކާރަށާއި އިންޑިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ދިވެހި އަސްކަރިއްޔާ އަށް ދެއްވަމުން ގެންދަވާ އެހީތަކަށް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހެލިކޮޓަރަކީ ޒަމާނީ ވަސީލަތްތައް ހުރި، ޓެކްނޮލޮޖީ ގޮތުން ފުރިހަމަ އެއްޗެއް ކަމަށެވެ.

"ދުރުން މީހުން ދެނެގަތުމުގެ ވަސީލަތްތައް ހުރި ހެލިކޮޕްޓަރެއް މިއީ،" ޝަރީފު ވިދާޅުވި އެވެ.

"މި ހެލިކޮޕްޓަރު ބޭނުން ކުރާނީ ބަލި މީހުން އުފުލުމާއި ރެސްކިއު ކަންކަމުގައި."

ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ހެލިކޮޕްޓަރު މާދަމާ ލ. ކައްދޫގައި ގާއިމްކޮށްފައިވާ ސިފައިންގެ އެއާ ބޭހަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންނަށް އިތުރު ތިން މަތިންދާ ބޯޓު ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"މަތިންދާ ބޯޓުތައް ހުންނާނީ ލ. އަތޮޅުގައި. ބޯޓުތައް ހޯދަނީ އިންޑިޔާ ސަރުކާރާއި ޕާކިސްތާނު އާއި ޗައިނާ އިން. މީގެ އިތުރުން އެހެން ގައުމުތަކާވެސް އެބަ ވާހަކަ ދައްކަން އެހީތެރިކަން ހޯދަން." މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާއިން ދިވެހި ސިފައިންނަށް އިތުރު ހެލިކޮޕްޓަރެއް ހޯދައިދިންއިރު، މިހާރު ވެސް އިތުރު ބޭނުންކުރަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެކެވެ.