ހަބަރު

ނަޝީދާ މެދު ވަކި ޚާއްސަ އުސޫލުން އަމަލުކޮށް ދެވޭކަށް ނެތް: ފަނޑިޔާރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ޝަރީއަތް ހިންގާ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ނަޝީދާ މެދު ވަކި ޚާއްސަ އުސޫލަކުން އަމަލުކޮށް ދެވެން ނެތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ބެންޗުން މިއަދު ބުނެފި އެވެ.

އެ މައްސަލައިގެ މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން އެގޮތަށް ވިދާޅުވީ އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ މާލެއިން ބޭރަށް ވަޑައިގަތުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އެކަން ހައްލުކޮށް ދިނުމަށް ނަޝީދު އެދިވަޑައިގަތުމުންނެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މާލެއިން ބޭރަށް ދާން ޖެހޭ ކޮންމެ ފަހަރަކު ވެސް އެކަމަށް ހައި ކޯޓުގައި ހުއްދަ ހޯދަންޖެހޭތީ ދަތިތަކެއް ކުރިމަތިވެ ވަޑައިގަންވާ ކަމަށެވެ. އެހެންވެ ޝަރީއަތް ނޯންނަ ދުވަސްތަކުގައި ހުއްދަ ނެތި މާލެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ނަޝީދު އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދަންޖެހުމަކީ އާންމު އުސޫލުން ވެސް އެކަން ކުރަމުންދާ ގޮތް ކަމަށެވެ. އެހެންވެ "ވަކި ބޭފުޅަކާ މެދު ވަކި އުސޫލަކުން އަމަލު ނުކުރެވޭނެ" ކަމަށް ފަނޑިޔާރު އައްބާސް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗާއި ނަޝީދާ މެދު ކޮންމެވެސް ވަރެއްގެ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އެ މައްސަލަ ދިމާވީ ނަޝީދުގެ ވަކީލުންގެ ފަރާތުން ދައުވާއަށް އިސްލާހު ގެންނަން ބޭނުންވެ އެ އިސްލާހު ޝަރީއަތުގައި އިއްވަން އުޅުމުން އެ ފުރުސަތު ފަނޑިޔާރުން ނުދިނުމުންނެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ އިސްލާހު ބަލައިގަތުމާ މެދު ގޮތެއް ފަނޑިޔާރުން ފަހުން ގޮތެއް ނިންމަވާނެ ކަމަށާއި އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޭގެފަހުން ކަމަށެވެ. އަދި އިސްލާހު ގެންނަން ފުރުސަތު ދޭން ފެންނަ ނަމަ އެކަމާ މެދު ވާހަކަ ަދެއްކުމުގެ ފުރުސަތު ވެސް ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ އިސްލާހު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ދިނުމަށް ނަޝީދުގެ ވަކީލުންގެ ތަކުރާރުކޮށް އެދުމުން ވެސް އެ ފުރުސަތު ފަނޑިޔާރުން ނުދެއްވުމާ އެކު ކޯފާ އިސް ކުރައްވައި، ނަޝީދު ވަނީ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައްބާސް ޝަރީފާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވައިފަ އެވެ.

ފަނޑިޔާރު އައްބާސަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވީ އޭނާ އެ ޝަރީއަތް މިހާރު ކުރިއަށް ގެންދަވަނީ މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް އެތަނުގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ތަންކޮޅެއް ބާރަށް ވާހަކަ ދައްކަވަން ފެށްޓެވުމުން ފަނޑިޔާރު އައްބާސް ވަނީ ޝަރީއަތުގައި މަޑުން ވާހަކަ ދެއްކުމަށް ނަޝީދަށް އަންގަވައިފަ އެވެ.

ފަނޑިޔާރު އައްބާސް ވިދާޅުވީ ޝަރީއަތުގެ އުސޫލުތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި ފަނޑިޔާރުންގެ ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެ މައްސަލައަކީ ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ނަޝީދަށް އެބައޮތް ކަމަށާއި އަދި ފަނޑިޔާރުން ޝަރީއަތް ހިންގާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ފަނޑިޔާރު އައްބާސް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް އެމްޑީޕީގެ ބައެއް އިސްވެރިންނާއި ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އަޑުއަހަން ހާޒިރުވި ތިއްބެވެ. އެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ހައި ކޯޓު ވަށައިގެން ހިމެނޭ ބައެއް މަގުތައް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.