ރައީސް އަބްދުﷲ ޔާމީން

ގެދޮރުވެރި ޕްރޮގުރާމްގައި ޕެންޝަން ފައިސާ ބޭނުން ކުރެވޭ ބިލް ތަސްދީގުކޮށްފި

Apr 28, 2016
  • ގެދޮރު ގަތުމަށް ޑައުންޕޭމަންޓް ދެއްކޭނެ
  • 65 އަހަރު ވުމުގެ ކުރިން ފައިސާ ބޭނުން ނުކުރެވުން ހައްލުވީ
  • ޕެންޝަން ފައިސާ ދައްކަން ހިތްވަރު ލިބޭނެ

ސަރުކާރުން ހުޅުވާލާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ޕެންޝަނާބެހޭ ޤާނޫނަށް ގެނައި ތިން ވަނަ އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 19 އިގައެވެ. އެ ބިލް މިއަދު ރައީސް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

ޕެންޝަނާބެހޭ ޤާނޫނު ފަރުމާކޮށްފައި ވަނީ ރިޓަޔަކުރުމަށް ބެނެފިޓް ސްކީމެއް ހިންގުމަށެވެ.

އަލަށް ގެނައި ބަދަލާ ގުޅިގެން، ގާނޫނުގެ އުސުލުތަކާއި ތަޢާރުޒު ނުވާ ގޮތަށް ޕެންޝަން ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި، މި ބަދަލުގެ ސަބަބުން، ގެދޮރު ގަތުމަށް ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރެއްގެ ރިޓަޔާމަންޓް ސޭވިން އެކައުންޓުން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ކޮލަޓަރަލައިޒްކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެއެވެ.

މީގެ އިތުރުން، 65 އަހަރުވުމުގެ ކުރިން ޕެންޝަން ފައިސާ ބޭނުން ނުކުރެވޭ މައްސަލައަށް ހައްލެއް ގެނެވި، ޕެންޝަނުގެ އަސާސް ނުގެއްލޭފަދަ ގޮތަކަށް، ޕެންޝަން ނިޒާމުގެ ތެރެއިން ގެދޮރުވެރި ކުރުންފަދަ އިޖްތިމާއީ ރައްކާތެރިކަން ހަރުދަނާކޮށްދޭފަދަ ކަންކަމަށް ފުރުޞަތު ހުޅުވި ޢާންމުންގެ މެދުގައި ޕެންޝަނަށް ފައިސާ ދެއްކުމަށް ހިތްވަރު ލިބޭނެއެވެ. އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އެތައްސަތޭކަ ރައްޔިތުންނަށް ގެދޮރު ގަތުމަށްޓަކައި ޕެންޝަން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމުގެ ޑައުންޕޭމަންޓް ދެއްކުމުގެ އިންތިޒާމު ހަމަޖެހި، ގެދޮރުގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.