ވިޔަފާރި

އެމްޓީޑީސީއަށް މިދިޔަ އަހަރު 93.7 މިލިއަން ރުފިޔާގެ ފައިދާއެއް

  • ގެއްލުންވާ ދެ މަޝްރޫ ހުއްޓާލުމުން ފައިދާ
  • ހިއްސާއަކަށް ޖެހޭ އަދަދު ވަނީ އިތުރުވެފައި
  • ކުރިމަގު ފެންނަނީ އުޖާލާކޮށް

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީޓީސީ) އަށް މިދިޔަ އަހަރު 93.7 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނީގެ ޗެއާމަން އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވެގެން އުފެއްދި ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އުސްއަލިތަކުގެ މައްޗަށް ބަލައި، ޗެއާމަން އިބްތިޝާމާ އާދަމް ދެއްވާފައިވާ ބަޔާނުގައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް 93.7 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 13.6 މިލިއަން ރުފިޔާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ކުންފުނީގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ،" ޗެއާމަންގެ އިބްތިޝާމާ ވިދާޅުވި އެވެ.

ޗެއާޕާސަން ވިދާޅުވީ ކުންފުނީގެ އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން 2014 ވަނަ އަހަރު 64.5 މިލިއަން ޑޮލަރުގައި ހުރި ހަރަދު މިދިޔަ އަހަރު 25.3 މިލިއަން ޑޮލަރަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ކުންފުންޏަށް މީގެ ކުރީ އަހަރުތަކުގައި ބޮޑު ގެއްލުމެއް ވަމުން ދިޔަ ހެރެތެރެ އާއި އުލިގަމު ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއުގެ މަސައްކަތް 2014 ވަނަ އަހަރު ހުއްޓާލުމުން އޭގެ ފޮނި ނަތީޖާ ފެންނަމުންދާ ކަމަށެވެ.

"ހަމަ އެހެންމެ 2015 ވަނަ އަހަރު އާމްދަނީ ނުލިބޭ ބައެއް ރައްތަށް ދޫކޮށް، ހަރަދުތައް ހިސާބުން އުނިކުރެވި ދަރަނި ހަލާސް ކުރެވިފައިވެ އެވެ،" ޗެއާޕާސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީގެ ސާފު ފައިދާވެސް 2014 ވަނަ އަހަރާ އަޅާ ބަލާއިރު ހަ ޕަސެންޓް އިތުރުވެ، ސާފު ފައިދާގެ ގޮތުގައި 13.6ރ. ލިބުނު ކުންފުނީގެ ފައިދާ 93.7 މިލިއަން ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އެމްޓީޑީސީސީގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް ޖެހޭ ފައިދާގެ މިންވަރު 0.46ލ. އިން 2.78ރ. އަށް ވަނީ އިތުރުވެފަ އެވެ.

ޗެއާޕާސަން އިބްތިޝާމާ ވިދާޅުވީ ހިއްސާގެ މުއާމަލާތައް އިތުރުވަމުން ދިއުމަކީ ކުންފުންޏާމެދު އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

"ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަން އައިސް، ފައިދާގެ ރިޒާވް ގެއްލުމުގެ ރިޒާވަކަށް ވަނީ ބަދަލުވެފަ އެވެ. މި ރިޒާވް ފައިދާގެ ރިޒާވަކަށް ބަދަލު ކުރުމާއި ކުރިއަށް އޮތް އަހަރުތަކުގައި ކާމިޔާބު ކުންފުންޏަކަށް ހެދުމަށް ވަރަށް ބުރަކޮށް ކުންފުނިން މަސައްކަތް ކުރަމުންދެ އެވެ،" ޗެއާމަން ވިދާޅުވި އެވެ.

އެމްޓީޑީސީއަކީ އާއްމު ހިއްސާދާރުންގެ 53 ޕަސެންޓާއި ސަރުކާރުގެ 47 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.