އެމްޓީޑީސީ

އެމްޓީޑީސީގެ މާލީ ހިސާބު ނެރުން ފަސް ކުރަން ޖެހިއްޖެ

Feb 7, 2021
4

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މާލީ ހިސާބުތައް އާއްމު ކުރުން ފަސް ކުރަން ޖެހިއްޖެ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ ހުރިހާ ކުންފުނި ތަކުން ޖެނުއަރީ 30 ގެ ކުރިން ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާން އާއްމު ކުރަން ޖެހެ އެވެ. އެހެންވެ ހުރިހާ ކުންފުނިތަކުން ވަނީ ބަޔާން އާއްމު ކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ޓޫރިޒަމް ފައްކާކޮށް އޭގެ މަންފާ ރައްޔިތުންނާ ހަމައަށް ގެނެސްދޭން އުފެއްދި އެމްޓީޑީސީ އިން މާލީ ބަޔާން އާއްމު ކޮށްފައެއް ނުވެ އެވެ.

މާލީ ބަޔާން އާއްމު ނުކުރެވުނު ސަބަބު ބަޔާންކޮށް އެމްޓީޑީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ޕަބްލިޝް ކުރުން ފަސް ކުރަން ނިންމީ ޑިސެމްބަރު 2020 ވަނަ ދުވަހު ގެޒެޓް ކުރި ޓޫރިޒަމް ޤާނޫނަށް ގެނައި 10 ވަނަ އިސްލާހާ ގުޅިގެން ހިސާބުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަގުމަގު ކުރަން ކަމަށެވެ.

އެ މަސައްކަތާއެކު މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ފައިނޭންޝަލް ރިޕޯޓް ނިމޭނެ ކަމަށް ލަފާ ކުރެވެނީ ފެބްރުއަރީ މަހުގެ 25 ދުވަހު ކަމަށްވާތީ، އެ ދުވަހު މާލީ ބަޔާން އާއްމު ކުރަން މަސައްކަތް ކުރާ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޑީޓީސީއަކީ ޓޫރިޒަމަށް އިންވެސްޓް ކުރި ކުންފުންޏެއް ނަމަވެސް ނިސްބަތުން ފައިދާ ކުޑަ ކުންފުންޏެކެވެ. ކުޑަ ފައިދާއެއް ލިބުނު ނަމަވެސް ހަރަދު ކުޑަކޮށް އެޅި ގިނަ ފިޔަވަޅުތަކާއެކު 11 އަހަރަށް ފަހު އެ ކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާގެ ފައިދާ ބަހާފަ އެވެ.