ވިޔަފާރި

11 އަހަރު ފަހުން އެމްޓީޑީސީން ފައިދާ ބަހަނީ

Jul 1, 2020
2

ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން 11 އަހަރު ފަހުން ހިއްސާގެ ފައިދާ ބަހަން ހުށަހަޅަން ބޯޑުން ފާސް ކޮށްފި އެވެ.

އެމްޓީޑީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ފައިދާއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 10ރ. ގެ މަގުން ހިއްސާއަކަށް 50ލ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ފާސް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ކުންފުނީގެ އޭޖީއެމް ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެ ކުންފުނިން ވަނީ 100ރ. ގެ އަގުގެ މޫނުމަތީ ހިއްސާއެއް 2014 ވަނަ އަހަރު ވަނީ ސްޕްލިޓްކޮށް މޫނުމަތީ ހިއްސާއެއްގެ އަގު 10ރ. އަށް ބަދަލުކޮށްފަ އެވެ. އެހެން ކަމުން 2014 ވަނަ އަހަރު ހިއްސާ ސްޕްލިޓް ކުރުމުގެ ކުރިން ހިއްސާގެ މޫނުމަތީ އަގު ކަމަށްވާ 100ރ. އިން ކަމުގައި ބަލާނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހަނީ 5ރ. އެވެ.

ސަރުކާރުން ޓޫރިޒަމްގެ މަންފާ ރައްޔިތުންނާ ހަމައަށް ގެންދަން 2006 ވަނަ އަހަރު އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލް ސަމަދު މިދިޔަ އަހަރު ވަނީ މި އަހަރު ފައިދާ ބަހާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޓީޑީސީގެ މި އަހަރުގެ މާލީ ހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 1.2 މިލިއަން ޑޮލަރުގެ ލިބިފައިވެ އެވެ.