ވިޔަފާރި

ފަހު ކުއާޓަރުގައި އެމްޓީޑީސީގެ ފައިދާއަށް ކުޑަ ކުރިއެރުމެއް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މި އަހަރުގެ ފަހު ކްއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް ފައްކާ ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި ކަމަށްވާ އެމްޓީޑީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 451,561 ޑޮލަރު (ގާތްގަނޑަކަށް 6.9 މިލިއަން ރުފިޔާ) އެވެ. މިއީ މިދިޔަ ތިން ވަނަ ކުއާޓަރުގައި ލިބިފައިވާ 441,860 ޑޮލަރު (ގާތްގަނޑަކަށް 6.8 މިލިއަން ރުފިޔާ) އާ އަޅާ ބަލާއިރު އިތުރު ވުމެކެވެ.

އެމްޓީޑީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 މިލިއަން ޑޮލަރެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 646,341 ޑޮލަރެވެ. އެ ކުންފުންޏަށް މި ކުއާޓަރުގައި ހިއްސާ އަކަށް ޖެހިފައިވަނީ 0.01 ޑޮލަރެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ސެކްޓާގައި ވިޔަފާރި ކުރަން އުފައްދާފައިވާ ކުންފުނިން މިހާރު ވިޔަފާރިއެއް ނުކުރެ އެވެ. ނަމަވެސް އެ ކުންފުންޏަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ބޭއްވި ޓޫރިޒަމް އިވެންޓެއްގައި ވާހަކަ ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލް ސަމަދު ވިދާޅުވެފައިވާ ގޮތުގައި ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްޓަރާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީން ކުރާ ހިތް އޮތީ އެމްޓީޑީސީގެ ހިއްސާދާރުން އުންމީދު ކުރިގޮތަށް ކޮންމެ އަހަރަކު ހިއްސާގެ ފައިދާ ބެހިގެން ދާނެ ގޮތަށް ވިޔަފާރި ބަދަލު ކުރަން،" ތަޒްމީލް ވިދާޅުވެފައިވެ އެވެ.