މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ނުހެދި ގިނަ ދުވަސްވެފައިވާ ރަށް ހދ. ނާގޯށީގެ އަގުމަގު ކުރުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.
ސަރުކާރުން ދެ ފަހަރެއްގެ މަތިން އެމްޓީޑީސީ އަށް ދީ، އަތުލާފައިވާ މި ރަށުގެ އަގުމަގު ކުރަން ބަޔަކާ ހަވާލު ކުރިކަން ހާމަވީ އެމްޓީޑީސީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ހިސާބުތައް ނުނެރުވުނު ސަބަބު ބަޔާންކޮށް އާއްމު ކުރި ނޫސް ބަޔާނުންނެވެ.
އެ ބަޔާނުގައި އެމްޓީޑީސީން ބުނެފައިވާ ގޮތުން ނާގޯށީގެ ވެލުއޭޝަންއެއް ހަދަން ވަނީ ފާމަކާ ހަވާލު ކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ނަން ހާމަ ކޮށްފައެއް ނުވެ އެވެ. އަދި އެ މަސައްކަތް ކުރަމުން ދަނިކޮށް ކުންފުނީގެ އޮފީހުން ކޮވިޑްގެ ކޭސް ތަކެއް ފެނި މުވައްޒަފުން ކަރަންޓީން ވާން ޖެހުމާއެކު މަސައްކަތް މެދުކެނޑިފައިވާ ކަމަށެވެ.
އަވަސް އިން ނާގޯށީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ބަލަން މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދަށް މިއަދު ހެނދުނު 10:00 ޖެހި އިރު ގުޅުމުން ވިދާޅުވީ އަދި އޮފީހަށް ވަޑައި ނުގަންނާ ކަމަށައި ފަހުން ގުޅުމަށެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގުޅުން ވެސް އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ނާގޯށި އެމްޓީޑީސީ އަށް ފުރަތަމަ ހަވާލު ކުރީ 25 އަހަރަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ދިން މުއްދަތު ހަމަވީއިރު ވެސް އެ ރަށް ހެދިފައެއް ނުވެ އެވެ. އެހެންވެ، ސަރުކާރުން އެ ރަށް އަތުލީ އެވެ. އޭގެ ފަހުން އަނެއްކާ ވެސް 2017 ވަނަ އަހަރު ރަށް ހަވާލު ކުރި އެވެ. އެ ފަހަރު ވެސް އިންވެސްޓަރެއް ނުލިބިގެން ރަށް ހެދޭ ގޮތެއް ނުވުމުން ސަރުކާރުން ރަށް އަތުލީ އެވެ. އަދި އޭގެ ފަހުން ސަރުކާރުން 2018 ވަނަ އަހަރު އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް މި ރަށް ވިއްކާލަން ވެސް މަސައްކަތް ކުރި އެވެ. މި ރަށަށް އަދި ވެސް އިންވެސްޓަރެއް ނުވެ އެވެ.
ޓޫރިޒަމް ނެތް ހދ. އަތޮޅުގައި އޮންނަ މި ރަށް ނުހެދި ގިނަ ދުވަސް ތަކެއް ވަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ފުނިޖެހި އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނާގޯށި އެމްޓީޑީސީއަށް އަނެއްކާ ވެސް ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ފަންސާސް އަހަރަށް ކުއްޔަށް ދީފައިވަނީ ތިން އަހަރުތެރޭގައި ހަދާ ހުޅުވާ ގޮތަށެވެ.
މި ރަށާ ހަވާލުވުމަށް ފަހު ތަޒްމީލް ވިދާޅުވެފައިވާ ގޮތުން ރަށް ތަރައްގީ ކުރަން އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުއްޓެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް މިދިޔަ އަހަރު ދުބާއީ ބަޔަކު މަޝްވަރާކޮށްފައި ވެއެވެ.
ނާގޯއްޓަކީ މަސައްކަތް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ރަށެވެ. މި މަސައްކަތް ކޮށްފައިވަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުންނެވެ. އެ ކުންފުނިން އެ ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ކޮށްފަ އެވެ. އެ ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ.