ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ "ގައިޑް ފްރޭމް" ބަހައްޓައިފި އެވެ. ފުރަތަމަ ގައިޑް ފްރޭމް ބަހައްޓައިފާ ވަނީ ފުރަތަމަ ވަގުތީ ޕްލެޓްފޯމްގެ މަތީގަ އެވެ.
"އަވަސް" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ގައިޑް ފްރޭމް" އަކީ އަސްލު ބްރިޖުގެ ފައުންޑޭޝަންއަށް ބޭނުންވާ ޕައިލްތައް ހުންނަންވާ ތަނުގައި ޖަހައި، ޕޮޒިޝަން ކުރަން ބޭނުންކުރާ އެއްޗެއް ކަމަށާއި އޭގެ ފުރަތަމަ ގައިޑް ފްރޭމް އިއްޔެގެ ވަގުތެއްގައި ބަހައްޓާފައިވާ ކަމަށެވެ. ހުރިހާ ގައިޑް ފްރޭމެއް ވެސް ބަހައްޓާނީ ބްރިޖް އެޅުމަށް މިހާރު ހަދާފައިވާ ޕްލެޓްފޯމްތައް މަތީގަ އެވެ.
ބްރިޖްގެ މުހިންމު އުސްއަލިތައް
- ބްރިޖްގެ ދިގުމިނުގައި ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- އުޅަނދުތައް ދުއްވުމަށާއި ހިނގާ މީހުންނަށް ހާއްސަ ލޭން ހުންނާނެ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
"ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ޕައިލްތައް ޕޮޒިޝަންކޮށް އެ ހުންނަންވާ ތަނުގައި ޖެހުމަށް މީގެ ބޭނުން ކުރާނެ. މިއީ އަދި ޓްރެސިލް [ވަގުތީ] ބްރިޖެއް ނޫން. އެކަމަކު ގައިޑް ފްރޭމް ވެސްިި ކޮންމެ ޕްލެޓް ފޯމެއް މަތީގައި ބަހައްޓާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ހުޅުލެ ދެމެދު އަޅާ ބްރިޖުގެ ފައުންޑޭޝަން ހެދުމަށް މިވަގުތު ކުރަމުން ދަނީ ވަގުތީ ބްރިޖެއް އެޅުމުގެ މަސައްކަތެވެ. ހައުސިން މިނިސްޓްރީ އިން ބުނީ މިހާތަނަށް ތިން ޕްލެޓްފޯމް ބަހައްޓައިފަވާ އިރު ދެން ހުރި ޕްލެޓް ފޯމްތައް ވެސް ވަރަސް އަވަހަށް ނިމޭނެ ކަމަށެވެ. ބްރިޖްގެ މަސައްކަތް މިހާރު ދާ ސްޕީޑުން ދާ ނަމަ މުއްދަތަށް ވުރެ މާ ކުރިން ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.