ހަބަރު

މަޝްވަރާތައް ކުރިޔަށް ގެންދަން އެހީތެރިވެވުނު: އދ

ހުރިހާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދެން އެހީތެރިވެވުނު ކަމަށް އދ. އިން ބުނެފި އެވެ. މިހެން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެހީވުމަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު މރ. ސެމިއުލް ތަމްރަތު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމުން އދ. އިން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނަނީ އދ. އިން ބުނެފައިވާ ގޮތުގައި ސެމިއުލްގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ސަރުކާރުގެ އެހެންވެސް އިސް ބޭފުޅުންނާއެކު މަޝްވަރާތައްކޮށްފައިވާ ކަމަށާއި ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކާއި ސިވިލް ސޮސައިޓީ ރެޕްރެޒެންޓޭޓިވްސް އާއި ވިޔަފާރިވެރިން އަދި ސްރީ ލަންކާގައި ތިއްބަވާ ޑިޕްލޮމެޓުންނާ ވެސް މަޝްވަރާކުރައްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާ ގުޅޭ ގޮތުންނެވެ.

ސެމިއުލް ވަނީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ވާހަކަތައް ފަށައި ހިޔާލު ތަފާތުވުންތައް ކުޑަކުރަން ގޮވާލައްވާފަ އެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކުން ވެސް މަޝްވަރާ ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށެވެ.

މަޝްވަރާތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ސެމިއުލް ވަނީ ވިދާޅުވެފަ އެވެ. ސެމިއުލްގެ ދަތުރުފުޅުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދީފައިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އެ އެހީތެރިކަން ލިބޭނެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ސެމިއުލް ކުރެއްވި މަޝްވަރާތަކަށް ފަހު ސަރުކާރުން ނިންމާފައި ވަނީ، ޖަލު ހުކުމެއްގައި ތިއްބެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރި ކުރުމަށް ނިންމައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ.