ވިޔަފާރި

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 10.5 ޕަސެންޓަށް އުފުލޭނެ: އެމްއެމްއޭ

މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.5 ޕަސެންޓް ކުރިއަރާނެ ކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންދާޒާ ކޮށްފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ މަހުގެ އިގްތިސާދ ރިވިއުގައިވާ ގޮތުގައި މިދިޔަ 2014 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 8.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މި އަހަރު އެ އަދަދު އިތުރުވާނެ އެވެ. މީގެ އެއް ސަބަބަކީ ޓޫރިޒަމް ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިން ލިބޭނެ ކަމަށް ބެލިފައިވުމެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބު ތަކަށް ބަލާއިރު ދައުލަތުގެ ޖުމްލަ ހަރަދަކީ 22.8 ބިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނެ ކަމަށް ލަފާކުރެވެނީ 3.0 ޕަސެންޓުގަ އެވެ.

"އެންމެ ފަހުގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 214.7 މިލިއަން ޔޫއެސް ޑޮލަރަށް، ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 6 ޕަސެންޓަށް ދަށްވާނެ ކަމަށް އަންދާޒާކުރެވެއެވެ. 2014 ވަނަ އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓް އަކީ 290.0 މިލިއަން ޔޫއެސް ޑޮލެރެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ޕަސެންޓެވެ." މިދިޔަ މަހުގެ އިގްތިސާދ ރިވިއުގައިވެ އެވެ.