ވިޔަފާރި

ރާއްޖޭގެ ރަސްމީ ރިޒާވް 67 ޕަސެންޓަށް އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް 2013 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 67 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 614 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވުމެކެވެ. ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކްތަކުގެ އިންވާޑް ޓްރާންސްފާ އިތުރުވުމެވެ.

އެމްއެމްއޭ ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވްގައި ހުރި ވަރު ފުދެނީ 3.3 މަހުގެ އިމްޕޯޓަށެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 27.2 ބިލިއަން ރުފިޔާ އެވެ.

"އަހަރުން އަހަރަށް ބަލާއިރު ޖުމްލަ ފައިސާ އިތުރުވި އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. މިގޮތުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ ފައިސާ 14 ޕަސެންޓް އިތުރުވެފައިވާއިރު، ޑިސެމްބަރު މަހު ޖުމްލަ ފައިސާ އިތުރުވެފައިވަނީ 15 ޕަސެންޓަށެވެ،" އެމްއޭއިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ޖުމްލަ ފައިސާ އިތުރުވި މިންވަރު މައްޗަށް ދިޔަ ސަބަބަކީ ބޭންކުތަކުގެ ނެޓް ޑެމޮސްޓިކް އެސެޓް ދަށަށް ދިޔަ މިންވަރު ކުޑަވުމެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރަށް ބޭރުގެ ހިލޭ އެހީ ނުހިމަނައި، އާމްދަނީގެ ގޮތުގައި ސަރުކާރަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.  އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.