ފިނިޕޭޖް

އޭނާ ފައިނަލަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެން: މިރޭ ކިހިނެތްވާނެބާ؟

މޯލްޑިވިއަން އައިޑޮލްގެ އެންމެ ބޮޑު ފެވަރިޓަކީ ކާކުތޯ ސުވާލުކޮށްފި ނަމަ އެންމެ ފަސޭހަ ޖަވާބަކަށް އޮތީ މ. މުލަކަށް އުފަން، 19 އަހަރުގެ ޝަލަބީ އިބްރާހިމް އެވެ. ޝޯގެ ފުރަތަމަ އޮޑިޝަނުން ފެނިލި ހިސާބުން ފެށިގެން އޭނާ ވެފައި ވަނީ ޝޯގެ ފެވަރިޓަކަށެވެ. ނުވަތަ އޮސްކާ ގެންދާނެ ފިލްމަކީ މިއީއޭ ބުނާ އުސޫލުން އެންމެން ވެސް ތިބީ، މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިނެއްގައި ވާދަކުރާނެ އެއް ލަވަކިޔުންތެރިޔަކަށް ޝަލަބީގެ ނަން ލިޔެ، ޔަގީނުގެ ތައްގަނޑު ޖަހައިގެންނެވެ.

ޝަލަބީގެ ސަޕޯޓަރުން ބުނަނީ މިހެންނެވެ. "މޯލްޑިވިއަން އައިޑޮލް ޔަގީން" އެވެ. މިހެން ގޮވައި މާލެ ތެރޭގައި ކާރުބުރާއި ޕިކަޕް ބުރު ނުޖަހަންވީ ސަބަބެއް ވެސް ނެތެވެ.

ޝަލަބީ އަކީ މޯލްޑިވިއަން އައިޑޮލްގެ މި އާދަޔާހިލާފު ދަތުރެއްގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކަށް ބަލާއިރު، އެލިމިނޭޝަން ރައުންޑްގައި މިހާތަނަށް ބޮޓަން ތްރީ އަށް ނުވެއްޓި ހުރި ހަމައެކަނި ލަވަކިޔުންތެރިޔާ އެވެ. ނުވަތަ ފުލަށް ވެއްޓެން ޖެހޭ ފެންވަރުގެ ލަވަކިޔުންތެރިއެއް ނޫން ކަމަށް މުޅި ގައުމު ވެސް ހެކިވާ ހަމައެކަނި ލަވަކިޔުންތެރިޔާ އެވެ.

އެހެން ގޮތަކަށް ބުނަނީ ނަމަ ޝަލަބީ އިބްރާހިމް މޯލްޑިވިއަން އައިޑޮލްގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން "ބްރެޒިލެއްގެ ގޮތުގަ" އެވެ. އެލިމިނޭޝަން ރައުންޑްގައި އޭނާ އަކީ އަބަދުވެސް އެންމެ ފުރަތަމަ އަށް ނުވަތަ ދެ ވަނަ އަށް ނުރައްކަލުން ސަލާމަތްވެ ސަލާމަތުގެ ގޮނޑި ކަށަވަރުވާ ލަވަކިޔުންތެރިޔާ އެވެ.

ޝަލަބީގެ އަޑަކީ ޝަރާބެއް!

މި ޝޯގެ އެންމެ ހިތްގައިމު އަޑަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފި ނަމަ އޭގެ ޖަވާބެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ހޮވަން އޮތީ ޝަލަބީގެ ނަމެވެ. ނުވަތަ އޭނާގެ އަޑެވެ.

ބައެއް މީހުން ބުނާ ގޮތުން ނަމަ އޭނާގެ އަޑު، ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަލީ ރަމީޒުގެ އަޑުގެ ހިތްގައިމު ކަމަށް ވުރެ ވެސް ފަށުވި އެވެ. މިހެން ބުނީމަ އަލީ ރަމީޒުގެ ސުޕަ ފޭނުން ދިމާކޮށްލަފާނެ އެވެ. އެކަމަކު ދެ ވަނަ އަލީ ރަމީޒެއް މި ރާއްޖޭގައި އުފެދެނީ ކަމުގައި ވަނީ ނަމަ އޭގެ ތެރެއިން އެއް ނަމަކީ ޔަގީނަށް ވެސް ޝަލަބީގެ ނަމެވެ.

އެހެން ނަމަވެސް އޭނާގެ ވިސްނުން ހުރީ "މޯލްޑިވިއަން އައިޑޮލްގެ ޝަލަބީ" އަށް ވާށެވެ.

""މޯލްޑިވިއަން އައިޑޮލްގެ އަލީ ރަމީޒަށް ކީއްވެ ވާންވީ؟ މޯލްޑިވިއަން އައިޑޮލްގެ ޝަލަބީ އަށް ވާން އަޅުގަނޑު މި މަސައްކަތްކުރަނީ،" ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ޝަލަބީ ބުންޏެވެ.

"އަލީ ރަމީޒަކަށްވާކަށެއް ނޫން. އެކަމަކު ވެދާނެ މީހުން އެހެން ކިޔަނީ އާންމުކޮށް އަލީ ރަމީޒުގެ ލަވަތައް ކިޔާތީ ކަމަށް ވެދާނެ. އެއީ އެންމެ ކުޑައިރުއްސުރެންވެސް އަޑުއިވި ރީތިވެފައި ހުރީ އޭނަގެ ލަވަތައްވީމަ ކެޗީ ވަނީ އެ އެއްޗެހި. އާ ލަވަތަކެއް ނަގައިގެން ކިޔުމަށް ވުރެ އެނގިފަ ހުރި އެއްޗެއް އިތުރަށް މުއްސަނދިކޮށްގެން ކިޔާހިތްވަނީ."

"އަލީ ރަމީޒުގެ ޓެކްނިކްސް، އޭނަ ލަވަކިޔާ ގޮތް އަދި އޭނާގެ މަހްރަޖު، އެ ހުރިހާ އެއްޗެއް ކަމުދަނީ. އޭނަ ކަމުގޮސްގެނެއް ނޫން،" އޮޅުން އަރާހެން ހީވާ ހިސާބުން ޝަލަބީ ސާފުކޮށްލަދިނެވެ.

އަލީ ރަމީޒުގެ ތޮށިގަނޑު ފަޅާލާފައި ނުކުމެ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި ޝަލަބީގެ ހަގީގީ ފެންވަރު ފަހުން ދައްކާލިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ލަވަކިޔުމުގެ އިތުރުން ޝަލަބީ އަކީ ނިކަން ރީއްޗަށް ގުރުއާން ވެސް ކިޔަވާ ޒުވާނެކެވެ. ފަހަރެއްގައި އޭނާގެ ބައްޕަގެ ހުނަރުވެރިކަމުގެ ޖީނެއް ލިބިފައި ވަނީ ކަމަށް ވެސް ވެދާނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މިއުޒިކް ޕްލެޓްފޯމް ފަތަހަކުރުމަކާ ފިޔަވަޅަކަށް ގާތަށް ޝަލަބީ ޖެހިލާފައިވާއިރު ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތްތައް ވެސް އޭނާ ފަތަހަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭނާ ގުރުއާންކިޔަވާ އަޑު އިވިގެން އިހަކަށް ދުވަހު ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާ އަށް ހޭނެތިގެން ވެއްޓުނެވެ.

ވަރަށް އާދައިގެ ހިތެއް، މިޒާޖެއް!

ޝަލަބީގެ ލައިފްސްޓޯރީ ފުދޭވަރަަކަށް ކޮމްޕްލިކޭޓެޑް އެވެ. އޭނާ އަކީ އަރަބިއްޔާ ސްކޫލްގެ ޕްރިފެކްޓެއްގެ ބެޖުގައި އެންމެ ފުރަތަމަ ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ. ނަމަވެސް ފަހުން އެ ވާހަކަ އާއި އެ ހުދު ޔުނީފޯމް ގެއްލުނީ އެވެ.

ފަހުން އޭނާ ބޭނުންވީ ލަވަކިޔާށެވެ.

"ގްރޭޑް ނައިންއާ ހަމަ އަށް ވަރަށް ރަނގަޅު. އެކަމަކު ޓެންއާ ހަމައިން ކެނޑެން ޖެހުނީ. އެ ފީލްއެއް ނާދޭ. އަބަދުވެސް ކޮންމެވެސް އެއްޗެއް ހިތުދަސްކޮށްގެން ކަހަލަ ގޮތަކަށް އެގްޒާމްއަށް ދާން މި ޖެހެނީ. އޭތި އަންޑަސްޓޭންޑް ވާން ޖެހޭ ވަރަކަށް އަންޑަސްޓޭންޑެއް ނުވޭ. އެ އިންޓްރެސްޓެއް ވެސް ނީނދޭ،" ޝައުގުވެރިކަން ގެއްލިގެން ދިޔަ ގޮތް ކިޔައިދެމުން ޝަލަބީ ބުނެފައިވެ އެވެ.

"ދެން ކްލާސްތެރޭގައި ވެސް ގޮސް ބެރު ޖެހެނީ. ލަވަކިޔެނީ ކުދިން އެއްކޮށްލައިގެން. އެގޮތަށް ޖަހައިޖަހައި ޑެސްކުތަކުގެ ކަންތައް ނުހުންނާނެ ގިނަފަހަރު. ފުރަތަމަ ދާ ގޮތަށް ވެސް ގޮސް ބަލާނީ އެންމެ އަޑު ރަނގަޅު ޑެސްކެއް އިނދޭތޯ."

އެކަމަކު ޝަލަބީގެ ވާހަކައިގައި ކޮންމެ ކަހަލަ ޓްވިސްޓެއް އޮތް ނަމަވެސް އޭނާގެ ހިތް ވަރަށް ވެސް ބޮޑެވެ.

"އަޅުގަނޑު ބަލާނަން އަޅުގަނޑުހެން މިހައި ހިސާބަށް އައި ކޮންމެ މީހަކަށް ވެސް އެހީވެދެވޭތޯ. ހެޔޮހިތުން ބަލާނަން. އެކީގައި އުޅޭ ރައްޓެހިން އަދި ވަކިން ހާއްސަކޮށް ޑިސްއެބިލިޓީސް ހުންނަ ކުދިންނަށް ކޮންމެވެސް ކަހަލަ އެހީއެއް ވެވޭތޯ ބަލާނަން. އެއީ ކުޑައިރުއްސުރެން މިހައި ހިސާބަށް އައިއިރު ވެސް ވަރަށް ގިނަ އެއްޗެހިތަކެއް ފެނުނު. ކިޔަވަން ބޭނުންވެފައި، އެކަމަކު ނުކުޅެދުންތެރިކަން ހުންނާތީ އެ ކުދިންނަށް ބޭނުންވާ ފަރުވާ ނުލިބިގެން ކިޔެވުމުގެ ފުރުސަތު ނުލިބިފައި ތިބި ކުދިން ވެސް،" ޝަލަބީ ބުނެފައިވެ އެވެ.

"އެހެންވީމަ އެކަހަލަ ބަޔަކަށް އެހީވުން ކަހަލަ ކަމެއް ކުރަން ބޭނުންވަނީ. އެއްގޮތަށް ވެސް އަޅުގަނޑު މިއީ މާ ރަނގަޅު މީހެއްކަން ދެން ތިބި މީހުންނަށް އަންގާކަށް ނޫން."