މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖާއި އުމްރާއަށް ދާން ފުލުހުނަށް ފަހިވާ އެމްއޯޔޫގައި ސޮއިކޮށްފި

May 3, 2016
  • ސްކީމް ކުރިއަށްދާނީ މުސާރައިން ކަނޑާ ގޮތަށް
  • އާއިލާތަކަށްވެސް ހައްޖާއި އުމްރާގެ ފުރުސަތު ލިބޭ
  • ހައްޖާއި އުމްރާއަށް ދާން ލުއި ގޮތެއް

ހައްޖާއި އުމްރާއަށް ދާން ފުލުހުނަށް ފަހިވާ އެމްއޯޔޫގައި ސޮއިކޮށް ފުލުުހުން ވަޒީފާގައި އިހުލާސްތެރިކަމާއި ހަމަހަމަކަމާ، އަމާނާތްތެރިކަމާއެކު ދެމިތިބުމަށާއި ދިނީ ކަންކަމަށް ސަމާލުވުން މުހިންމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުނަށް ހައްޖާއި އުމްރާއަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއި ކުރަން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަރީފު ވިދާޅުވީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކޮށް ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގައި ހައްޖު ކޯޕަރޭޝަނާއެކުވި އެއްބަސްވުމަކީ ފުލުހުންނަށް ލިބިގެން ދިޔަ އިތުރު ހަރުދަނާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މި އަހަރަށް ކަނޑައަޅާފައިވާ ކަންކަން ރާވާފައިވާނީ ދީނީ ކަންކަމަށް ސަމާލުވުމުގެ ބައެއް ހިމަނައިގެން ކަމަށެވެ.

"އިސްލާމަކަށް ވީހިނދު ދެ ދުނިޔޭގެ ރަހުމަތް ހޯދުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެއް. އެ މަގުސަދުގައި ބައިވަރު ކަންތައްތައް މިހާރު ވެސް ކުރެވެމުންދޭ،" އަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ފުލުހުންގެ އާއިލާގެ މެންބަރުނަށް ވެސް ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"މި ފެށުނު ކަމުގެ ތެރެއިން މުވައްޒަފެއްގެ އިތުރަށް، އެ މީހަކު ބޭނުންވެއްޖެނަމަ މުސާރަ އިން ކެނޑޭ ގޮތަށް އެ މުވައްޒަފެއްގެ އާއިލާ ވެސް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ. އެއީވެސް އިތުރު ކުރިއެރުމެއް،" އަރީފު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ފުލުހުނާއެކުވި އެއްބަސްވުމަކީ އެ ކުންފުންޏަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.