ހަބަރު

ރައީސް ޔާމީން ދޮށީ އުމުރުގެ މީހުންނާ ބައްދަލު ކުރައްވަނީ

Feb 4, 2015

ރާއްޖޭގެ ދޮށީ އުމުރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދޮށީ އުމުރުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން އޮންނާނީ މާދަމާރޭ 8:30 ގައި ހިރިޔާ ސްކޫލްގައި ކަމަށެވެ. އަދި އެ ބައްދަލު ވުމުގެ މަގުސަދަކީ ޒުވާނުންނެކޭ ވެސް އެއްގޮތަށް ހުރިހާ އުމުރެއްގެ މީހުންގެ އިހުސާސްތަކާއި އެ މީހުންގެ ހިޔާލު ސަރުކާރު ހިންގުމަށް ހޯދުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ބުނީ އުމުރުން ދުވަސްވީ ފަރާތްތަކަކީ ވެސް ގައުމުގެ މުހިންމު ބައެއްގެ ގޮތުގައި މި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އެ ބައްދަލުވުމުގައި ވީހާ ވެސް ގިނަ ދޮށީ އުމުރުގެ ފަރާތްތަކުން ބައިވެރިވުމަށް ރައީސް އޮފީހުން އެދެ އެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން އެކި ފަހަރުމަތިން ރަށްރަށަށް ވަޑައިގެން އާންމުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް މިއީ ވަކި އުމުރުފުރާއަކަށް ހާއްސަކޮށްގެން ރައީސް ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ރައީސް ދޮށީ އުމުރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާއިރު 18 އަހަރުވާ ކޮންމެ ކުއްޖަކަށް ރައީސް އަންނަނީ ސިޓީއެއް ފޮނުއްވަމުންނެވެ. މި ސަރުކާރުން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 5،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ދުވަސްވީ މީހުންނަށް އާސަންދައިން ބޭސް ކުރެވޭނެ ފަސޭހަ ނިޒާމަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމުގައި ދުވަސްވީ މީހުންނަށް ފަސޭހަ ނިޒާމުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.