ދުނިޔެ

ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް ބަޑީގެ ހަމަލާއެއް

އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް ބަޑީގެ ހަމަލާއެއް ދީފި އެވެ. މި ފަހަރު ހަމަލާދީފައި ވަނީ ފްލޮރިޑާގައި ޓްރަމްޕް ދިރިއުޅުއްވާ މާރަލާގޯ ގަނޑުވަރު ކައިރީގަ އެވެ.

މާރަލާގޯ ގޯލްފް ދަނޑުގެ ގަސްތަކުގެ ތެރޭގައި ފިލާ އޮތް މީހަކު ބަޑިން ދިން ހަމަލާތަކުގައި ޓްރަމްޕަށް އެއްވެސް ގެއްލުމެއް -- އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ހަމަލާދިން މީހާ ފިލައިގެން އުޅެނިކޮށް ހޯދައި މިހާރު ހައްޔަރުކޮށްފައި ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމެރިކާގެ ތަހުގީގީ އިދާރަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނި ގޮތުން މި ހަމަލާ އަކީ ވެސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއް ގޮތުގަައި ތަހުގީގުކުރާނެ އެވެ.

ބަޔަކާ ދިމާއަށް ބަޑިޖެހުމަކީ -- ގަަސްދުގައި މީހަކު މެރުމުގެ ނިޔަތް ނެތް ނަމަވެސް ބޮޑު ހުކުމެއް އަންނާނެ ކުށެއް ކަމަށްވެސް އެފްބީއައި އިން ބުންޏެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަނިކޮށް މީގެ ދެމަސް ކުރިން -- ޖުލައި 13 ގައި ވެސް މީހަކު ވަނީ ޓްރަމްޕް އަވަހާރަކޮށްލަން ބަޑިން ހަމަލާދީފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި އޮތް ކެމްޕޭން އެއްވުމަށް ވަޑައިގެން ވާހަކަަދައްކަވަނިކޮށް، އެ ހިސާބު އިމާރާތެއްގެ ފުރާޅުމަތީގައި އޮތް މީހަކު ބަދިން ދިން ހަމަލާއެއްގައި -- ޑޮނަލްޑް ޓްރަމްޕްގެ ބޮލަށް އަމާޒުކުރި އުންޑަ އެރީ އޭނާގެ ކަނާތު ކަންފަތު ފުލަށެވެ.

މި ހަމަލާގައި ޑޮނަލްޑް ޓްރަމްޕަށް ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިނުގަތް ނަަމަވެެސް. އެފްބީއައި ބުނާ ގޮތުން އެއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް މީހަކު ބަޑި ޖެހި އަޑަށް، ޓްރަމްޕްގެ ހަށިފާރަވެރިން ހަރަކާތްތެވި އެވެ. އަދި ރައްދު ހަމަލާތަކެއް -- އުންޑަ އައި ދިމާއަށް ފޮނުވާލި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

މި ހަމަލާއަށް ފަހުވެސް ޓްރަމްޕް ހުންނެވީ ވަރަށް ހުޝިޔާރުގައި ކަމަށް ވިދާޅުވެ ސަލާމަތުން ހުންނެވިކަން ސޯޝަލް މީޑިއާގައި ވަނީ ހާމަކުރައްވާފަ އެވެ.