ދުނިޔެ

ބަލި ގަބޫލުކޮށް ޓެޑް ކްރޫޒް ޕްރައިމަރީން ވަކިވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާރު ޕްރައިމަރީގައި ވާދަކުރައްވާ ޓެޑް ކްރޫޒް ޕްރައިމަރީން ވަކިވެއްޖެ އެވެ. ކްރޫޒް ޕްރައިމަރީގައި އިތުރަށް ރޭހުގައި ކުރިޔަށް ވަޑައި ނުގަތުމަށް ނިންމެވީ އިންޑިއާނާގައި ބޭއްވި ޕްރައިމަރީގައި ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދެވުމުންނެވެ.

އަމިއްލާ ޕާޓީ ތެރޭގައިވެސް މާ މަޝްހޫރު ނޫނަސް ޓްރަމްޕް މިހާރުވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ގާތްގަނޑަކަށް ޔަގީންކޮށްފަ އެވެ. ޓްރަމްޕަށް ރޭސް ދޫކޮށް ކްރޫޒް އިންތިހާބުން ވަކިވެ ވަޑައިގަތް އިރު މީގެ ކުރިން ކްރޫޒް ވިދާޅުވެފައި ވަނީ ޓްރަމްޕް އަކީ ދޮގުވެރިއެއް ކަމަށާއި ރައީސެއްގެ ކިބައިގައި ހުންނަން ޖެހޭ ގާބިލްކަން ވެސް ނެތް ކަމަށެވެ.

ކްރޫޒް ވަކިވިއިރު މިދިޔަ ހަފްތާގެ ތެރޭގައ ކްރޫޒްވަނީ އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ކާލީ ފިއޮރީނާ ހަމަޖައްސާފަ އެވެ. ފިއޮރީނާ އަކީ ވެސް ކުރިން ޕްރައިމަރީގައި ވާދަކުރެއްވެވި ކެނޑިޑޭޓެކެވެ. ނިއު ހެމްސްފަޔާގެ ޕްރައިމަރީގައި ބޮޑު އަގުލަބިއްޔަތަކުން ބަލިވުމުން ފިއޮރީނާ ވަނީ އިންތިހާބީ ރޭހުން ވަކިވެ ކްރޫޒް އަށް ތާއީދުކޮށް ކެމްޕޭނުގައި އިސް ދައުރެއް އަދާކުރަން ފައްޓަވާފަ އެވެ. އަދި މީގެ އިތުރުން ފިއޮރީނާ އަކީ ޓެކްނޮލޮޖީ ކޮމްޕެނީ ހިއުލެޓް ޕެކާޑްގެ ކުރީގެ ސީއީއޯ ވެސް މެ އެވެ.

ރިޕަބްލިކަން ޕްރައިމަރީގެ އެންމެ ކުރީގައި މިހާރު ޓްރަމްޕް ހުންނެވި ނަމަވެސް ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓް އަދި ހަމައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީއަށް ބަލާއިރު ބާނީ ސެންޑާސް ދަނީ އިންޑިއާނާގެ ޕްރައިމަރީގައި ހިލަރީ ކްލިންޓަން ބޮޑު އަގުލަބިއްޔަތަކުން ބަލިކުރައްވަން މަސައްކަތް ކުރަމުންނެވެ.