ދުނިޔެ

ޖޯން ކެސިކް ވެސް ޕްރައިމަރީން ވަކިވެ، ޓްރަމްޕަށް ފުރުސަތު ބޮޑުކޮށްދީފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރިޕަބްލިކަން ޕާޓިގެ ޕްރައިމަރީގައި ވާދަކުރި އޯހިއޯ ގެ ގަވަރުނަރު ޖޯން ކެސިކްވެސް ޓްރަމްޕަށް ރިޔާސީ ޓިކެޓް ހޯދުމުގެ ފުރުސަތު ބޮޑުކޮށް ޕްރައިމަރީން ވަކިވެއްޖެ އެވެ.

ކެސިކް ޕްރައިމަރީން ވަކިވީ އިންޑިއާނާގައި ބޭއްވި ޕްރައިމަރީ ޓްރަމްޕް ބޮޑުއަގުލަބިއްޔަތަކުން ކާމިޔާބުކުރުމުންނެވެ. ޕްރައިމަރީން ވަކިވިކަން ކެސިކް އިއުލާނުކުރި އިރު ރިޕަބްލިކަން ޕާޓިގެ ކެނޑިޑޭޓް ޓެޑް ކްރޫޒްވެސް ވަނީ އިންޑިއާނާގެ ނަތީޖާ އަށް ބަލާފައި ރިޔާސީ ރޭހުން ވަކިވެފަ އެވެ.

ކެސިކް ޕްރައިމަރީން ވަކިވިކަން އިއުލާނުކުރުމުގެ ކުރިން ކުރި ޓުވީޓެއްގައި، ވިދާޅުވެފައިވަނީ ޓްރަމްޕާ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަމުންދާ ހިލަރީ ކްލިންޓަން އާ ދެކޮޅަށް އެމެރިކާގައި އޮތް ހަމައެކަނި އުންމީދަކީ އޭނާ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ނެޝަނަލް ކޮމެޓީގެ ޗެއާމަން ރެއިންސް ޕްރީބަސް ވަނީ ޓްރަމްޕަކީ އެޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ރިޕަބްލިކަން ޕްރައިމަރީގެ މިހާރު ޓްރަމްޕް އެކަނި ހުންނެވި ނަމަވެސް ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓް އަދި ހަމައެއް ނުވެ އެވެ. ޓްރަމްޕަށް މިހާތަނަށް ލިބިފައިވަނީ 1،047 ޑެލެގޭޓުންގެ ވޯޓެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.