ދުނިޔެ

އަލިފާން ކޮންޓްރޯލުނުކުރެވިގެން މެކްސިކޯގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާންކޮށްފި

މެކްސިކޯގެ އަލްބާޓާ ޕްރޮވިންސްގެ މެކްމުރޭ އަވަށުގެ ޖަންގަލީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ އަވަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އަލްބާޓާ ޕްރޮވިންސްގައި ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މި އަލިފާންގަނޑުގެ ސަބަބުން މެކްމުރޭގައި ދިރިއުޅެމުންދާ 88،000 މީހުންނަށް ވަނީ އަވަށް ދޫކޮށް ދާން ޖެހިފަ އެވެ.

ސަރުކާރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކުރިއަށް 24 ގަޑިއިރުވެސް އިތުރު ބޮޑެތި ގެއްލުންތަކެއް މެކްމުރޭ އަށް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މިދިޔަ އާދިއްތަ ދުވަހު ރޯވި މި އަލިފާނުގެ ސަބަބުން މިހާތަނަށް 1،600 އަށްވުރެ ގިނަ ގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އެއަވަށުގައި ހިންގަމުންދާ ތެޔޮ ކުންފުނިތަކުން ވަނީ ސަލާމަތީ ކަންކަމަށްޓަކައި ބައެއް ޕައިޕްލައިންތައް ބަންދުކޮށް މަސައްކަތް ހުއްޓާލާފަ އެވެ. މި އަލިފާނުގައި މީހަކަށް އަނިޔާވި ކަމަށް އަދި ރިޕޯޓެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަލިފާންގަނޑު ދަނީ މެކްމުރޭގެ އިރު އުތުރަށް ފެތުރެމުންނެވެ. އަދި ވައިޖެހެމުންދާ ގޮތަށް ބަލާނަމަ އަލިފާންގަނޑު އެއާޕޯޓާ ކައިރި ސަރަހައްދުތަކަށް ފެތުރޭނެ ކަމަށެވެ.

މި އަލިފާންގަނޑު އިތުރު ސަރަހައްދުތަކަށް ފެތުރުނަ ނުދިނުމަށް 100 އަށްވުރެ ގިނަ ފަޔަ ފައިޓަރުންދަނީ މަސައްކަތް ކުރަމުންނެވެ.