އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ލިބޭނެ ފަރާތަކީ ޑޮނަލްޑް ޓްރަމްޕްކަން ގާތްގަނޑަކަށް އެ ވަނީ ކަށަވަރުވެފަ އެވެ. ޑިމޮކްރޭޓުންގެ ރޭހުގައި ހިލަރީ ކްލިންޓަން އާއި ބާނީ ސޭންޑާސްއާ ދެމެދު ކޮންމެވެސް ކަހަލަ ވާދަވެރިކަމެއް އޮތް ނަމަވެސް އެ ޕާޓީގެ ރިއާސީ ޓިކެޓް އާހިރުގައި ލިބިގެންދާނީ ހިލަރީ އަށް ކަންވެސް ވަރަށް ސާފެވެ.
ދެން އޮތް އަނެއް ވާހަކަ އަކީ، އެމެރިކާގައި ކުރިއަށް އޮތް ރިއާސީ ރޭހުގައި މައި ދެ ޕާޓީ އިން ކޮންމެ މީހަކު ވާދަކުރި ނަމަވެސް މިއީ ތާރީޚުގެ ތެރެއަށް ގެނބިގެންދާނެ އިންތިޚާބަކަށް ވާނެ ކަމެވެ. އެ ސަބަބުތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
އެންމެ މުސްކުޅި ރައީސް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑު
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެން ބަރަކް އޮބާމާ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު ވައިޓް ހައުސް އަށް އެންމެ ފުރަތަމަ ވަޑައިގެންނެވިއިރު އުމުރުފުޅަކީ 47 އަހަރެވެ. އެ ބޭފުޅާ އަކީ އެމެރިކާގެ ރައީސުންނަށް ބަލާއިރު ފަސް ވަނަ އަށް އެންމެ ޒުވާން ރައީސެވެ. އެންމެ ޒުވާން ރައީސަކީ ތިއޮޑޯ ރޫޒްވެލްޓް އެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު 42 އަހަރާއި 322 ދުވަހެވެ.
އެކަމަކު ޓްރަމްޕާއި ހިލަރީ އަދި ސޭންޑާސްގެ ތެރެއިން ކޮންމެ ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް އެމެރިކާގެ ވައިޓް ހައުސް އިން ދެން ބައްދަލުކުރާނީ ވަރަށް ވެސް ދޮށީ ބޭފުޅެކެވެ.
ރައީސް ކަމުގެ ހުވާކުރެއްވުމަށް ކަނޑައަޅާފައިވާ، އަންނަ އަހަރުގެ ޖެނުއަރީ ވިހީގައި ބާނީ ސޭންޑާސް އަށް ފުރޭނީ 75 އަހަރެވެ. މިއީ އެެމެރިކާގެ އެންމެ މުސްކުޅި ރައީސަށް ވުރެން ވެސް މުސްކުޅި އުމުރެކެވެ. އެމެރިކާގެ އެންމެ މުސްކުޅި ރައީސަކީ ރޮނަލްޑް ރޭގަން އެވެ. އެކަމަކު ރައީސް ކަމުގެ ހުވާ ކުރެއްވިއިރު ބާނީ ސޭންޑާސްގެ މި އުމުރުފުޅަށް ވުރެން ހަ އަހަރު ހަގެވެ.
އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް ފާހަގަކުރައްވާނީ އެ ބޭފުޅާގެ 70 ވަނަ އުފަން ދުވަހެވެ. ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފި ނަމަ އެމެރިކާގެ އެންމެ މުސްކުޅި ރައީސްގެ ގޮތުގައި ހުވާކުރައްވާނެ އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިހާބާ ދިމާކޮށް ހިލަރީ އަށް 69 އަހަރު ފުރޭނެ އެވެ.
މިފަހަރުގެ ރައީސުން ނިއު ޔޯކުން
ރިޕަބްލިކަން ޕާޓީގެ ބޭފުޅަކު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތަސް އަދި ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް މިފަހަރުގެ ރިއާސީ އިންތިހާބުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާނީ ނިއު ޔޯކަށް ނިސްބަތްވާ ބޭފުޅެކެވެ.
ޓްރަމްޕް އާއި ހިލަރީ އާއި ސޭންޑާސް ވެސް ނިސްބަތް ވަނީ ނިއު ޔޯކަށެވެ. މިއީ އެމެރިކާގެ ރިއާސީ ރޭހުން ވަރަށް ނުފެންނަ މަންޒަރެކެވެ. އެންމެ ފަހުން ނިއު ޔޯކަށް ނިސްބަތްވެ ވަޑައިގެންނެވި ބޭފުޅަކު އެމެރިކާގެ ރިއާސީ ރޭހުން ފެނިގެން ގޮސްފައި ވަނީ 1944 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް ފްރެންކްލިން ޑީ ރޫޒްވެލްޓާ ދެކޮޅަށް ވާދަކުރެއްވި ނިއު ޔޯކްގެ އޭރުގެ ގަވަރުނަރު ތޯމަސް ޑެވޭއި އެވެ.
އެހެންކަމުން އެމެރިކާގެ ރިއާސީ އިންތިހާބު މިފަހަރު މި ތިން ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ކާމިޔާބު ކުރެއްވުނަސް ރައީސްކަން ލިބިވަޑައިގަންނަވާނީ ނިއު ޔޯކްގެ ބޭފުޅަކަށެވެ. މިއީ 71 އަހަރުވީ ދިގު އިންތިޒާރަކަށް އަންނަ ނިމުމެކެވެ.
ހޭދަކުރާ ފައިސާ އާއި ކެމްޕޭން ވެސް ތަފާތު
މިފަހަރުގެ އިންތިހާބު ޓްރަމްޕަށް ކާމިޔާބުކުރެވިއްޖެ ނަމަ އޭނާ ވެގެން ދާނީ ފަހުގެ ތާރީޚެއްގައި ކެމްޕޭނަށް އެންމެ ކުޑަ ޚަރަދެއް ކުރެއްވި ބޭފުޅަކަށެވެ. އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން ނަމަ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ޓްރަމްޕް އެ ބޭފުޅާގެ ކެމްޕޭނަށް ހޭދަކުރައްވާފައި ވަނީ 49 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 39 މިލިއަން ޑޮލަރަކީ ސީދާ އަމިއްލަ މިލްކިއްޔާތުން ހޭދަކުރެއްވި އަދަދެވެ.
ފަހުގެ ތާރީޚެއްގައި އެމެރިކާގެ ރިއާސީ ކެމްޕޭނަކުން ފެނިގެން ދިޔަ އެންމެ ޚަރަދު ކުޑަ ބޭފުޅަކީ 2000 ވަނަ އަހަރު ވާދަކުރެއްވި އަލް ގޯ އެވެ. އެކަމަކު އަލްގޯ ވެސް 126 މިލިއަން ޑޮލަރު ކެމްޕޭނަށް ހޭދަކުރެއްވި އެވެ.
ހިލާރީ ކްލިންޓަންގެ ކެމްޕޭނުގައި މިހާރު ވެސް 187 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ބަރަކް އޮބާމާގެ ކެމްޕޭނުގައި 556 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
ތަޖުރިބާގެ ގޮތުން ވެސް ތަފާތު
އެމެރިކާގެ ރައީސުންގެ ތާރީޚަށް ބަލައިލާއިރު ގަވަރުނަރެއްގެ މަގާމު ނުވަތަ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައިވާ ބޭފުޅަކު ނޫނީ ފާއިތުވި 60 އަހަރު ތެރޭގައި އިންތިހާބުވެ ވަޑައިގެންފައެއް ނެތެވެ. މިފަދަ ސިޔާސީ ތަޖުރިބާއެއް ނުވަތަ މަގާމެއްގެ ތަޖުރިބާ ނެތި އެންމެ ފަހުން ވެސް އެމެރިކާގެ ރައީސް ކަމަށް ބޭފުޅަކު ވަޑައިގަތީ 1953 ވަނަ އަހަރު އެވެ.
އޭގެ ކުރީގެ ރައީސެއް ކަމުގައިވާ ހާބަޓް ހޫވާ އަކީ ވެސް ސިޔާސީ ބޭފުޅެއް ނޫނެވެ.
ކޮންމެއަކަސް، ޓްރަމްޕަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ، 60 އަހަރު ފަހުން، އެމެރިކާގެ ރައީސް ކަމަށް ސިޔާސީ ތަޖުރިބާ ނެތް ބޭފުޅަކު ވަޑައިގަތީ އެވެ. އަދި މީގެ އިތުރަށް ވެސް މާ ތަފާތެވެ. ޓްރަމްފް ފަދަ ބޮޑު ވިޔަފާވެރިޔަކު ނުވަތަ ކެސީނޯތަކާއި ހޮޓެލް ޗެއިންސްތަކުގެ ވިޔަފާރި ކުރައްވާ ބޭފުޅަކު ކުރިން ރައީސްކަން ކުރައްވާފައެއް ނުވެ އެވެ.
ރައީސް ކަމަށް އަންހެން ބޭފުޅަކު!
ޓްރަމްޕަށް ނާކާމިޔާބުވިޔަސް މި އިންތިހާބު ތާރީޚުގެ ތެރެއަށް ވަދެގެންދާނީ ބޮޑުކޮށެވެ. އިންތިހާބުވެ ވަޑައިގެންފި ނަމަ ހިލަރީ ވެވަޑައިގަންނަވާނީ އެމެރިކާގައި ރައީސްކަމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ލީޑަރަކެވެ.