މިސްޓަ މޯޅްޑިވްސް

މިސްޓަ މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން އަވަސް އަށް

May 6, 2016
3

މޯލްޑިވްސް ބޮޑީ ބިލްޑިން ފެޑެރޭޝަން (އެމްބީބީއެފް) އިން ޗޮޕާޓާ ގުޅިގެން މި އަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ "މިސްޓަ މޯލްޑިވްސް" މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަވަސް" އޮންލައިން ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ދިޓީވީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޗޮޕާޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހާމިދު އުމަރު އެވެ. އަވަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އައިމިނަތު މުހައްމަދު އެވެ.

ޗޮޕާޓުން އިންތިޒާމުކުރާ މި އިވެންޓްގެ އެހެން ޕާޓްނަރުންނާއެކު ވެސް ވަނީ މިއަދު ސޮއިކޮށްފަ އެވެ. އެގޮތުން މީޑިއާ ޕާޓްނަރަކަށް ދިޓީވީ ހަމަޖައްސާފައިވާއިރު ސައުންޑް އަދި ލައިޓް ޕާޓްނަރެއްގެ ގޮތުގައި މި އިވެންޓްގައި ޗޮޕާޓާއެކު މަސައްކަތްކުރާނީ ސްޓޭޖް ކޯ އެވެ.

މިސްޓަ މޯލްޑިވްސްގެ އޮންލައިން ޕާޓްނަރެއްގެ ގޮތުގައި އަވަސް އޮންލައިން އިން ޝައުގުކުރުވަނިވި ކޮންޓެންޓެއް ކިޔުންތެރިންނާއި އާންމުންނާ ހަމަ އަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން މާކެޓިން މެނޭޖަރު އައިމިނަތު ދެއްވި އެވެ.

އަވަސް އިން މިސްޓަ މޯލްޑިވްސް އަށް ހާއްސަކޮށްފައިވާ ކޮންޓެންޓުން އެންމެ ފާހަގަކޮށްލެވޭ ސެގްމަންޓަކަށް ވެގެންދާނީ އަވަސް ވީކެންޑް އިންޓަވިއު އެވެ. ކިޔުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "އަވަސް ވީކެންޑް އިންޓަވިއު" ގައި މިސްޓަ މޯލްޑިވްސް ފީޗާ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރަށް ވެސް މިސްޓަ މޯލްޑިވްސްއާ ގުޅޭ ތަފާތު އަދި ޝައުގުވެރިވަނިވި އެތައް ހަބަރަކައި ރިޕޯޓެއް އަވަސް އިން ކިޔުންތެރިންނާ ހަމަ އަށް ގެނެސްދޭނެ އެވެ.

މިސްޓަ މޯލްޑިވްސް މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ މި އަހަރުގެ މެދުތެރޭގަ އެވެ. އެހެން ނަމަވެސް ރަސްމީ ވަކި ތާރީޚެއް އަދި ނެތެވެ. އަހަރު ދުވަހެއްގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް އެނބުރި އަންނައިރު ތަފާތުތަކަކާއި ބަދަލުތަކެއް ފާހަގަކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑީ ބިލްޑިން ފެޑެރޭޝަނާއި ޗޮޕާޓުން ވެސް ވަނީ ދީފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ނިމިގެން ދިޔައި ފުރަތަމަ އިންޓަނޭޝަނަލް ރިއަލީޓީ ޝޯ، "މޯލްޑިވިއަން އައިޑޮލް" ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް އަވަސް އެވެ.