މި އަހަރުގެ މިސްޓަ މޯލްޑިވްސް ޓައިޓަލް މުހައްމަދު ޔާމީން (ޔާމްބެ) ކާމިޔާބުކޮށްފި އެވެ. މިސްޓަ މޯލްޑިވްސައަކަށް އޭނާ ހޮވުނުއިރު އޭނާ ބައިވެރިވި ބޮޑީ ބިލްޑިން ކެޓަގަރީގެ ހެވީ ވެއިޓް ބައިން އެއްވަނަ ހޯދީ ވެސް ޔާމްބެ އެވެ. ހެވީ ވެއިޓް ބައިގައި ޔާމްބެއާ ވާދަ ކުރީ ގިޔާސް އިބްރާހިމް އެވެ.
ބޮޑީ ބިލްޑިން ކެޓަގަރީ"ގެ އެއްވަނަ ޔާމްބެ ހޯދާފައިވާތީ އަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އެ އިނާމް ޔާމްބެއާ ހަވާލުކުރެއްވީ އޭޑީކޭ ގްރޫޕްގެ ސީއީއޯ އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށް ދިޔަ ބޭޑްލެބް މިސްޓަ މޯލްޑިވްސް ޓައިޓަލް ޔަމްބެ ކާމިޔާބުކުރީ، ޝާހީން އިބްރާހިމްއާ ވާދަކޮށެވެ. ޝާހީންއަކީ މިދިޔަ އަހަރު ވެސް ދެވަނަ ހޯދި ފަރާތެވެ. ޝާހީން ވަނީ ލައިޓް ވެއިޓް ބައިގެ އެއް ވަނަ ހޯދާފަ އެވެ.
މިޑްލް ވެއިޓް ބައިން އެއް ވަނަ ހޯދި މުހައްމަދު އިބްރާހިމަށް ލިބުނު އަނިޔާއަކާ ގުޅިގެން، މިސްޓަ މޯލްޑިވްސް ކަނޑައެޅުމުގެ ފައިނަލު ބުރުގައި، އޭނާ އަށް ވާދަ އެއް ނުކުރެވުނެވެ.
ހެވީ ވެއިޓް ކަޓަގަރީ
- އެއްވަނަ: މުހައްމަދު ޔާމީން (ޔާންބެ) - ދަ ހެމާ
- ދެވަނަ: ގިޔާސް އިބްރާހިމް - އެކްސްޓްރީމް ފިޓްނަސް
މިޑްލް ވެއިޓް ކެޓަގަރީ
- އެއްވަނަ: މުހައްމަދު އިބްރާހިމް - ދިވެހި ސިފައިންގެ ކުލަބު
- ފުރަތަމަ ރަނަރަފު: މުހައްމަދު ނައިހާން ހާން - މާލޭ ފިޓްނަސް
- ދެވަނަ ރަނަރަފު: ނިހާދު ރަޝީދު ޔުނިވާސަލް ނިއުޓްރިޝަން
މި ކެޓަގަރީގައި ވަނީ ހަތަރު ބައިވެރިން ވާދަ ކޮށްފަ އެވެ. ދެން ވާދަ ކޮށްފައި ވަނީ، ޕޮލިސް ކުލަބުގެ މުހައްމަދު އަބްދު ރަހްމާން އެވެ.
ލައިޓް ވެއިޓް ކެޓަގަރީ
- އެއް ވަނަ: ޝާހީން އިބްރާހިމް - މާލޭ ފިޓްނަސް
- ފުރަތަމަ ރަނަރަފު: މުހައްމަދު އަލީ - އެކްސްޓްރީމް ފިޓްނަސް
- ދެ ވަނަ ރަނަރަފް: އަހްމަދު ފަޒީލް ދަ ހެމާ
"މިއީ ވަރަށް ދުވަހުގެ މަސައްކަތް، މިދިޔަ އަހަރުގެ މުބާރާތް، ނިމުނު ހިސާބުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރީ ސީދާ މިއަހަރުގެ މުބާރަތަށް ފޯކަސް ކޮށްގެން، މިއަހަރުގެ މިސްޓަ މޯލްޑިވްސްއަކަށް ވާން، އެ މަސައްކަތް ކާމިޔާބު މިވީ،" މުބާރާތުގެ ކާމިޔާބަށް ފަހު، ޔާންބެ ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި މިސްޓަ މޯލްޑިވްސްގެ މަގާމު ތިންވަނަ ފަހަރަށް ހޯދާފައިވަނީ މުހައްމަދު ރަޝީދު (ރަޗޭ) އެވެ. އޭނާގެ ހަރަކާތްތަކެއް ވެސް މިހާރުގެ ޝޯގައި ދައްކާލާފައިވެ އެވެ.
މުބާރާތުގެ މިސްޓަ ފިޒީކްގެ މަގާމު ހޯދީ ފާލިހު މުހައްމަދެވެ. މިދިޔަ އަހަރު ވެސް އެ މާގާމު ހާސިލުކުރީ ފާލިހެވެ. އޭނާއަށް ވަނީ 30،000 ރުފިޔާގެ ފައިސާ އިނާމެއް ދީފަ އެވެ.
މިއަހަރުގެ މުބާރާތުގެ އިސް ޖަޖަެއްގެ ގޮތުގައި، ބައިވެރި ވަޑައިގެންފައި ވަނީ، ސީންގަޕޫރުގެ ބޮޑީ ބިޔުލްޑް ފެޑްރޭޝަންގެ ރައީސް، ޕްރަދީޕް ސްބުރަމާނިއަމް އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ، ރާއްޖޭގެ ބޮޑީ ބިޔްލްޑް ފެޑްރޭޝަންގެ ދައުވަތަކަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ، ކުރީގެ މިސްޓަ މޯލްޑިވްސް އަދި ރާއްޖޭގެ ބޮޑީ ބިޔުލްޑް ހަޔާތުގައި ފެނުނު އެންމެ ވަރުގަދަ އެއް ފަރާތް ކަމަށްވާ، މުހައްމަދު އަފްރާހް ހަލީލަށް، ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވާފަ އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ބައިވެރިން ބައިވެރި އެކްސްޓްރީމް ފިޓްނަސް އަށް ވަނީ އަގުވަޒަން ކުރުމުގެ ފިލައެއްވެސް ދީފަ އެވެ.
މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އޭޑީކޭ އިން ވިއްކާ "ބޭޑްލެބް" ބްރޭންޑުގެ ކޮސްމެޓިކްސް އެވެ.