މިސްޓަ މޯޅްޑިވްސް

މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ބޭޑްލެބް

Aug 11, 2016
  • މިސްޓަ މޯލްޑިވްސް މި ފަހަރު ތަފާތު
  • އެއްވަނަ އި ނާމަކަށް 30،000ރ.
  • ފިސީކް ބައިގެ އެއްވަނައަށް 15،000ރ.

މި އަހަރު ބާއްވާ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ވިއްކާ "ބޭޑްލެބް" ކޮސްމެޓިކްސް ހަމަޖައްސައިފި އެވެ.

މިސްޓަ މޯލްޑިވްސް ބާއްވާ ޗޮޕާޓުން ބުނި ގޮތުގައި އޭޑީކޭ ޖެނަރަލް ޓްރޭޑިންނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިސްޓަ މޯލްޑިވްސް އިވެންޓުގެ ތެރޭގައި ޕްރޮމޯޓް ކުރާނީ "ބޭޑްލެބް" ގެ އުފެއްދުންތައް ކަމަށެވެ. މި އުފެއްދުމަކީ ބައިނަލް އަގުވާމީ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ އުފެއްދުމެއް ކަމަށެވެ.

"ބޭޑްލެބް" ބްރޭންޑުގެ ދަށުން ވިއްކަނީ ހެއާކެއާ އާއި ބޮޑީ ކެއާ އަދި ފްރެގްރޭންސްގެ އުފެއްދުންތަކެވެ. މިއީ ފިރިހެނުންނަށް ހާއްސަ ކޮސްމެޓިކް ބްރޭންޑެކެވެ.

އޭޑީކޭ ކޮމްޕެނީއަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑަށް އެހީތެރިކަން ދޭ ކުންފުންޏެވެ. މި ކުންފުންޏަކީ ރާއްޖޭގެ މަޝްރޫއު ފުޓުބޯޅަ ކްލަބް "މާޒިޔާ ސްޕޯޓްސް" ގެ މެއިން ސްޕޮންސާ ވެސް މެއެވެ.

މިސްޓަ މޯލްޑިވްސް އިންތިޒާމުކުރާ ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) ވިދާޅުވީ މިސްޓަ މޯލްޑިވްސްއަކީ ރާއްޖޭގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރުދޭ އަދި އެކަން ޕްރޮމޯޓްކުރާ އިވެންޓެއް ކަމަށެވެ.

"ކުރީ އަހަރުތަކަށް ބަލާފަ މި އިވެންޓް ބަދަލު ކުރުމަށް ވާނީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި. ފިސިކް ކެޓަގަރި ތައާރަފުކޮށް ބައިވެރިން މުބާރާތް ކުރިއަށްދާ ގޮތް ބަދަލު ކުރެވިފައިވަނީ ބޮޑަށް ފެޝަން ޝޯއާ ގުޅުންހުރި ގޮތަކަށް،" މިހުސޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" ގައި ދޭ ޓްރޮފީ ވެސް އެ ކުންފުނިން ބަދަލު ގެނެސްފައިވާ ކަމަށެވެ.

"ރާއްޖޭން ބޭރުގައި ކުރިއަށް ގެންދާ މިފަދަ އިވެންޓްތައް ބަލައި ދިރާސާ ކުރުމަށްފަހު މި އަހަރުގެ ބޭޑްލެބް މިސްޓަ މޯލްޑިވްސްއަކީ ވަރަށް ތަފާތު ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް އިންތިޒާމުކުރާ މުބާރާތައް ވާނެ،" މިހުސޯ ވިދާޅުވި އެވެ.

މިސްޓަ މޯލްޑިސްގައި ދެ ބައެއް އޮންނާނެ

ބޮޑީ ބިލްޑިން ކެޓަގަރީ

ބޭޑްލެބް މިސްޓަ މޯލްޑިވްސްގެ "ރަންވަނަ" ލިބޭނީ މުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށެވެ. އެއްވަނައަށް 30،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި މި ކެޓަގަރީން ދެވަނަ އަދި ތިންވަނައަށްދާ މީހަކަށް 25،000ރ. ލިބޭނެ އެވެ.

ފިސީކް ކެޓަގަރީ

ބޭޑްލެބް މިސްޓަ މޯލްޑިވްސްގެ އެއްވަނައަށްދާ މީހަކަށް 15،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި މި ކެޓަގަރީގެ ދެވަނައަށް 10،000ރ. ގެ އިނާމެއް ދޭއިރު، ތިންވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 8،000ރ. ގެ ފައިސާގެ އިނާމެކެވެ.

ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް

ބޭޑްލެބް މިސްޓަ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭންވާ ފޯމް މިސްޓަ މޯލްޑިވްސްގެ ފޭސްބުކް ޕޭޖުންވެސް ލިބޭނެ އެވެ.

މިސްޓަ މޯލްޑިވްސްގެ ސްޕޮންސަރުން

  • ޓައިޓްލްސް ސްޕޮންސާ: އޭޑީކޭ
  • އެސޯސިއޭޓް ޕާޓްނަރު: ސޮނީ ސްޕޯސް
  • ބެވަރޭޖް ޕާޓްނަރު: އެސްޓީއޯ ސުޕަމާޓް
  • އޮންލައިން ޕާޓްނަރު: އަވަސް
  • މީޑިޔާ ޕާޓްނަރު: ވީޓީވީ
  • އެސޯސިއޭޓް މީޑިޔާ ޕާޓްނަރު: އައިސްޓީވީ
  • ސައުންޑް އެންޑް ލައިޓް ޕާޓްނަރު: ސްޓޭޖްކޯ

ކަސްރަތު ކުރާ މީހުންގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" ގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ.