އަންނަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މިއަހަރުގެ "މިސްޓަ މޯލްޑިވްސް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިސްޓަ މޯލްޑިވްސް ހޮވަން ބާއްވާ މުބާރާތަކީ މޯލްޑިވްސް ބޮޑީ ބިލްޑިން ފެޑެރޭޝަން (އެމްބީބީއެފް) އިން ޗޮޕާޓާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބަދަލުތަކާއެކު މިއަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު، ޖުމްލަ ދެ ކެޓަގަރީއަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއީ ބޮޑީ ބިލްޑިން ކެޓަގަރީއާއި ފިޒިކް ކެޓަގަރީ އެވެ.
ބޮޑީ ބިލްޑިން ކެޓަގަރީގެ ދަށުން ހަ ސަބް ކެޓަގަރީއަކަށް ވާދަކުރެވޭނެ އެވެ. އަދި ފިޒިކް ކެޓަގަރީގެ ދަށުން ތިން ކެޓަގަރީއަކުން ބައިވެރިންނަށް ވާދަކުރެވޭނެ އެވެ. ފިޒިކް ކެޓަގަރީއަކީ ބޮޑީ ބިލްޑް ނުކުރި ނަމަވެސް ހަށިގަނޑު ރީތިކޮށް ހުންނަ ފިރިހެނުންނަށް ހާއްސަ ކެޓަގަރީއެކެވެ. ފިޒިކް ކެޓަގަރީގެ ދަށުން އަންނަ ސަބް ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ، ފިޓްނެސް ފިޒިކް 160 ސެންޓީމީޓާ އާއި ފިޓްނެސް ފިޒިކް 165 ސެންޓިމީޓަރުގެ އިތުރުން ފިޓްނެސް ފިޒިކް 160 ސެންޓީމީޓަރެވެ.
ޗޮޕް އާޓުން ބުނީ މުބާރާތުގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވުމަށް ނަން ފޮނުވުމަށް ކުރަންޖެހެނީ އެސްއެމްއެސް އެކެވެ. ފުރިހަމަ ނަން ޖެހުމަށްފަހު 344 އަށް އެސްއެމްއެސް ކުރުމުން މުބާޜާތަށް ނަން ނޯޓް ކުރެވޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ އޯވަރޯލް ވިނާއަކަށް ހޮވޭ ފަރާތަށް ގޯލްޑް މެޑަލްގެ އިތުރުން ތައްޓާ އެކު 30،000ރ. ގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ. ދެވަނަ ފަރާތަށް ސިލްވާ މެޑައްޔާއި އެކު 25،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި ތިން ވަނައަށް ދާ ފަރާތަށް މެޑައްޔާއެކު 20،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
ފިޒިކް ކެޓަގަރީން އެއްވަނައަށް ފަރާތަށް 15،000ރ. ގެ އިނާމެއް ދެ އެވެ.
ބޮޑީބިލްޑިންގ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2014 ވަނަ އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުން އެއްވަނަ ހޯދީ އަކީ މުހައްމަދު ރަޝީދު (ރަޗޭ) އެވެ. މި އަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.