ނައިޓް މާކެޓް

ފިއްތާލާފައިވާ ނައިޓް މާކެޓް: މާގަދަޔަށް އުނގުޅޭ!

ނައިޓު މާކެޓަކީ އަހަރަކު އެއް ފަހަރު ނޫނީ ދެ ފަހަރަކަށް އާމުންނާއި ވިޔަފާރިވެރިންނަށް އަންނަ ބޮޑު ވިޔަފާރި އީދެކެވެ. އެއްތަނަކުން އަގު ހެޔޮކޮށް ހުރިހާ އެއްޗެއް ލިބެން ހުންނަ އިރު ވިޔަފާރި ވެރިންނަށް އަހަރުގެ އެހެން ދުވަސްތަކުގައި އެހާ ގިނަ ކަސްޓަމަރުން އެއް ފަހަރާ ލިބެ އެވެ. މާލޭގެ ހިމަ މަގުތަކު ތެރޭގައި ގިނަ އަދަދަކަށް މޭޒު ޖަހައި ގިނަ ބަޔަކަށް ހިދުމަތް ދޭން ދަތިވިޔަސް މިއީ ހިނގާ ބާޒާރެކެވެ. ފިތި ބާރުވެގެން ވިޔަފާރިކުރާ މި ބާޒާރަށް "އުނގުޅޭ ބާޒާރު" ނަން ދެވިފައި ވަނީ ވެސް އެހެންވެ އެވެ. އެކަމަކު ކިތަންމެ ތާށިވެ އުނގުޅެން ޖެހުނަސް ނައިޓް މާކެޓަށް ނުގޮސް ދޫކޮށެއް ނުލެވެ އެވެ.

ވިޔަފާރި ޖަމިއްޔާއިން ބާއްވާ ނައިޓު މާކެޓް މިހާތަނަށް ކުރިޔަށް ގެންދިޔައީ މާލޭ އިރުމަތީ ލޮނުޒިޔާރަތް ކޮޅުން ފެށިގެން ބޭރުމަގު މޭރީ ބްރައުން ހިސާބަށެވެ. މީގެ ކުރީ އަހަރުތަކުގައި އެޖާގާގައި ގާތްގަނޑަކަށް 750 އެއްހާ މޭޒު ބަހައްޓައިގެން ތަކެތި ވިއްކަމުންދާއިރު ބައެއް ފަހަރު 800 އަށް ވުރެއް މޭޒު ވެސް ބެހެއްޓި އެވެ. އޭރުވެސް އޮންނަނީ ތޮއްޖެހި ފުރި ބާރުވެފައެވެ.

މާލެ/ ހުޅުލެ ބްރިޖު އެޅުމުގެ ބިޔަ މަސައްކަތަށް ލޮނުޒިޔާރަތްކޮޅު ވަނީ ޗައިނާ މީހުން ފަށާފައިވާތީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވިސްނަން ޖެހުނީ މަގުމަތީ ބާޒާރު ބާއްވާނެ އެހެން ވިސްނުމެކެވެ. އެތައް ބަޔަކު އެއްފަހަރާ ވިޔަފާރި ކުރާ ނައިޓު މާކެޓް އަލިމަސް ކާނިވަލުގެ ކުޑަ ޖާގައިގެ ތެރެއަށް ފައްތާލާފައި ބާއްވާށެވެ.

ޖާގަ ދައްޗަސް ނައިޓު މާކެޓު ފަށައިފި އެވެ. މި މަހުގެ 15 އާ ހަމައަށް ކުރިޔަށްދާނެ އިރު ކޮންމެ ރެއަކު ވެސް އޮންނީ ތޮއްޖެހި ބާރުވެފަ އެވެ. މި ފަހަރު ނައިޓް މާކެޓް ބާއްވަން ހަވާލުވެފައިވަނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓާ (އެމްއެމްއޭސީ)އަށް އެހާ ގިނަ ބަޔަކު ޖަމާވާ ބާޒާރެެއް އެހާ ކުޑަ ތަންކޮޅަކަށް ފައްތާލައިގެން މެނޭޖު ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. އެހާވެސް މީހުން ގިނަ އެވެ.

"ކުރިން ގާތްގަނޑަކަށް 750 އެއްހާ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާނީ. ނަމަވެސް ބްރިޖު މަސައްކަތް ވެސް ކުރިޔަށް ދާތީ މިފަހަރު ބާއްވަން މި ޖެހުނީ ކާނިވަލުގައި. އަޅުގަނޑުމެން ގިނަ ބަޔަކަށް ފުރުސަތު ދޭން ބޭނުންވިޔަސް މަގުތައް ހަނިވުމުން އެންމެ ގިނަވެގެން ދެވެން އޮތީ 350 މޭޒު،" އެމްއެމްއޭސީ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖާގައިގެ ގޮތުން ކުޑަ ނަމަވެސް މޭޒުތައް މަދުކޮށްލުމުން ވިޔަފާރި ވެރިންނަށް ވަރަށް ބޮޑަށް ފައިދާ އެވެ. އަދި ވިޔަފާރި ތިޔާއްގެވެ. ދާ މީހުން ގިނަ އެވެ،

ބާޒާރަށް ދާ މީހުންގެ ހިޔާލަކީ ކޮބާ ހެއްޔެވެ؟

"އެހެން ފަހަރުތަކާއި އެހާ ތަފާތެއް ނޫން. އެކަމަކު މިހާ ބޮޑަށް ފިތިގެން އުޅެން ޖެހޭތީ ވަރަށް ބޮޑަށް އުނދަގޫވޭ. މި ކުދަތަނު ތެރެއަށް މި އޮތީ މުޅީ ނައިޓް މާކެޓު ބަނޑުން ޖަހާލައިފަ. ވަރަށް ދަތި މިހެން މިކަން ކޮށްފައި އޮތީމަ،" ނައިޓު މާކެޓަށް ގޮސް ހުރި އަންހެނަކު ބުންޏެވެ. "ނައިޓު މާކެޓު މިފަހަރު ވެސް ހަމަ ރަނގަޅު. އެކަމަކު މާ ބޮޑަށް މިފަހަރު ތޮއްޖެހެނީ. ހިތައް އަރާ އިތުރު ތަނެއް ލިބެން ނެތީބާއޭ. ތޮއް ނުޖެހޭ ނަމަ މިތަން ހަމަ ރަނގަޅު،"

ބައެއް ވިޔަފާރިން ބުނި ގޮތުގައި އެމީހުނަށް ވިޔަފާރި ރަނގަޅެވެ. ނަމަވެސް ޖާގަ ކުޑަވުމުން ބޭނުންވާ ވަރަށް ސާމާނު ދައްކާލައިގެނެއް ނުތިބެވެ އެވެ. ތޮއްޖެހިފައި އޮންނާތީ މޭޒުތައް ކައިރީ މަޑުކޮށްލައިގެން ތިބެން އުނދަގޫވެ ކަސްޓަމަރުން ގެއްލެ އެވެ.

ނައިޓް މާކެޓްގައި މިފަހަރު މީހުން ވެސް ގިނަ އެވެ. ސެކުރިޓީ ވެސް ވަރުގަދަ އެވެ. އަދި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދިވެހި ސެކުއުރިޓީ ޕައިނީއާޒްއާ ހަވާލުކޮށްފައިވާ އިރު އެމީހުން ހުރިހާ ޒޯނުތަކުގައި ކެމެރާ އަޅައިގެން 24 ގަޑި އިރު ބަލަ އެވެ. އަދި ކޮންމެ ވިޔަފާރިވެރިޔަކަށް 100،000 ރުފިޔާގެ އިންޝޫރަންސް ޕެކެޖެއްވެސް ދީފައިވެއެވެ. ނަމަވެސް މުޅި ނައިޓު މާކެޓު ކުޑަގޮޅިއަކަށް ފައްތާލާފައިވާއިރު، އަދި މާލޭގެ ޖާގައިގެ ކަންކަން މިހާރު އޮތް ގޮތުންނާވެސް އެކު ނައިޓް މާކެޓް ގެ އާ ވިސްނުމެއް ހޯދަން ޖެހެ އެވެ.