އިނގިރޭސި ވިލާތުގެ ވެރިރަށް، ލަންޑަނުގެ މޭޔަރުގެ މަގާމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިހާބުކުރީ އެވެ. އެއީ އެގައުމުގެ އިދިކޮޅު ލޭބާ ޕާޓީގެ ސާދިގު ޚާން އެވެ. ކުރިއަށް އޮތް ހަތަރު އަހަރަށް، ލަންޑަނުގައ ވެރިކަން ކުރާނީ ސާދިގު ޚާން އެވެ. އެހެންވީމަ އަހަރެމެންނާ މިހާ ރައްޓެހި ނުވަތަ ގައުމުގެ މަސްލަހަތާ މިހާ ބޮޑަށް ގުޅިފައި އޮތް އިނގިރޭސި ވިލާތުގެ ވެރިރަށުގެ ވެރިޔާއާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށްތޯ ބަލައިލަމާ ހިނގާށެވެ.
ސާދިގު ޚާންގެ ހަޔާތް އަދި ސިޔާސީ ކެރިއަރު ވެސް ވަރަށް ތަފާތެވެ. ހުރިހާ ހިޔާލުތަކަކާއި އުއްމީދުތަކަކާ ދެކޮޅަށް އޭނާ އެންމެފަހުން ލަންޑަނުގެ މޭޔަރުކަމުގެ މަގާމު ކާމިޔާބު ކުރެއްވުމަކީ މި އާދަޔާހިލާފު ކެރިއަރަށް އިތުރުވި އާ ބޮޅެކެެވެ. ލޭބާ ޕާޓީ އިން އެންމެ ފުރަތަމަ މި ރޭހަކަށް ނުކުތްއިރު ސާދިގަކީ ފެވަރިޓެއް ވެސް ނޫނެވެ.
އެ ޕާޓީގެ ހުރިހާ ފައިސާއެއް އެންމެ ފުރަތަމަ އަޅަމުން ދިޔައީ އެމީހުންގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ ވެރިކަމުގައި މަޝްހޫރުވެ ވަޑައިގެންނެވި ލީޑަރެއް ކަމުގައިވާ ބެރޮނެސް ޖޯވެލް އެވެ. ލަންޑަށް އޮލިމްޕިކްސް ގެންގޮސްދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅުއްވި ބޭފުޅަކީ ވެސް އެއީ އެވެ.
އެހެންކަމުން އެންމެން ވެސް ނިންމައިގެން ތިބީ ފެވަރިޓަރީ ޖޯވެލް ކަމަށެވެ. ނަމަވެސް ސާދިގު ޚާން އަކީ އެ ބޭފުޅާގެ ސިޔާސީ ކެރިއަރުގައި، ފަހަތުން އަރައި ކާމިޔާބު ހޯއްދެވުމަށް މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އެ ބޭފުޅާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ވެސް އޮތީ މި ހާލެއްގަ އެވެ. އަބަދުވެސް އެންމެ ފުރަތަމަ އުޅުއްވީ ވަރަށް ހާލުގަ އެވެ.
ސާދިގު ނިސްބަތްވެ ވަޑައިގަންނަވަނީ އިނގިރޭސި ވިލާތަށް ހިޖުރަކޮށްފައިވާ ޕާކިސްތާނުގެ އާއިލާއަކަށެވެ. ބައްޕަ އަކީ ބަސް ޑްރައިވަރެކެވެ. މަންމަ އަކީ ފަހާ މީހެކެވެ. އެ މީހުން ދިރިއުޅުނީ ލަންޑަނުގެ ދެކުނު ބިތުގައި ހުރި ގެއެއްގަ އެވެ.
- ފުރިހަމަ ނަން: ސާދިގު އަމާން ޚާން
- އުފަން ރަށް: ސައުތު ލަންޑަންގެ ޑިސްޓްރިކްޓް، ޓޫޓިން
- ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ: 2005 ވަނަ އަހަރުން ފެށިގެން
- ކުރިން އަދާކޮށްފައިވާ ވަޒީފާ: ވަކީލުކަން
ސާދިގަކީ އޭނާގެ މަންމަ އާއި ބައްޕަ އަށް ލިބިވަޑައިގެންފައިވާ އަށް ކުދިންގެ ތެރެއިން ފަސް ވަނަ އެވެ. އޭނާއާއެކު އާއިލާގެ ފިރިހެން ބޭފުޅުންގެ އަދަދު ހަތެކަށް އަރާއިރު އެންމެ އަންހެން ބޭފުޅެކެވެ.
އުމުރުން 20 އަހަރު ވަންދެން ސާދިގު ދިރިއުޅުއްވީ އޭނާގެ މަންމަ އާއި ބައްޕަ އަދި ބޭބެމެންނާ އެކު އެމީހުންގެ ތިން ކޮޓަރީގެ ގޭގަ އެވެ. ސާދިގުގެ ބައްޕަ އަކީ 25 އަހަރު ވަންދެން ބަސް ޑްރައިވަރެއްގެ ވަޒީފާ އަދާކުރި ބޭފުޅެކެވެ.
ސިޔާސީ ދާއިރާ އަށް ސާދިގުގެ ހިތް ލެނބެން ފެށީ ސްކޫލްގެ ދުވަސްވަރުން ފެށިގެންނެވެ. އުމުރުން 15 އަހަރުގައި އެ ބޭފުޅާ ލޭބާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ވަޑައިގެންފި އެވެ. ސާދިގު ވިދާޅުވެފައި ވަނީ ހަމުގެ ކުލަ އާއި ބެކްގްރައުންޑްގެ ވާހަކަ އަކީ މީހެއްގެ ކާމިޔާބީ އަށް އެޅެން އޮތް ހުރަހެއް ނޫންކަން އޭނާ އަށް ވިސްނައި ދިނީ އޭނާ އޭރު ކިޔަވާވިދާޅުވި ސްކޫލްގެ ހެޑް ޓީޗަރު ކަމަށެވެ. އެއީ ނާޒް ބުހާރީ އެވެ. އިނގިރޭސި ވިލާތުގެ ސެކަންޑްރީ ސްކޫލެއްގައި ހެޑް ޓީޗަރެއްގެ މަގާމު ފުރުއްވި ފުރަތަމަ މުސްލިމެވެ.
ސާދިގު ޚާން އަކީ މުސްލިމެއްގެ ގޮތުގައި ނުވަތަ ފުރިހަމަ މުސްލިމު އާއިލާގެ ބެލުމުގެ ދަށުގައި ތަރުބިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ ދެއްވި ތަގުރީރުން ވެސް އެކަން އެނގެގިގެން ދިޔަ އެވެ. ރަސޫލާގެ ހަދީސްފުޅުތަކުން މިސާލުތައް ނަންގަވައިގެން އެ ދުވަހު ވެސް ވާހަކަ ދެއްކެވި އެވެ.
ޝައުގުވެރިވެ ވަޑައިގަންނަވާ އެހެނިހެން ދާއިރާތަކަށް ބަލާއިރު ކުޅިވަރަށް ނިކަން ބޮޑު ޝައުގުވެރިކަމެއް އެބަހުއްޓެވެ. ވަކިން ހާއްސަކޮށް ފުޓްބޯޅަ އަށެވެ. ކުރިން އެ ބޭފުޅާ އަކީ ޗެލްސީގެ ފޭނެކެވެ. ނަމަވެސް މެޗުތައް ބަލަން ދަނޑަށް ވަޑައިގެން އުޅުއްވާއިރު އަމާޒުވާ ރޭސިސްޓް ކޮމެންޓްތަކާ ހުރެގެން އެންމެފަހުން ލިވަޕޫލްގެ ފޭނަކަށް ބަދަލުވީ އެވެ.
ކްރިކެޓްގެ ވެސް ފޭނެކެވެ.
ސްކޫލްގައި ކިޔަވާ ވިދާޅުވަން އުޅުއްވިއިރު އެންމެ ފުރަތަމަ އަމާޒަކަށް ކަނޑައަޅުއްވާފައި ވަނީ ޑެންޓިސްޓަކަށް ވެވަޑައިގަތުމަށެވެ. އޭލެވެލްގައި ކިޔަވާ ވިދާޅުވީ މެތްސް އާއި ސައިންސެވެ. އެންމެފަހުން ލޯޔަރެއްގެ ގޮތުގައި މަތީ ތައުލީމު ހާސިލުކުރެއްވުމަށް ސާދިގަށް ހިތްވަރުދިނީ ޓީޗަރެެކެވެ. އެއީ "ޒުވާބުކުރަން ނުވަތަ އަނގަތަޅަން" މާ މޮޅު ކަމަށް ބުނެ އެވެ.
ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވީ ޔުނިވާސިޓީ އޮފް ނޯތު ލަންޑަންގަ އެވެ. އަނބިކަނބަލުން ސާދިޔާ އަހުމަދަކީ ވެސް ގާނޫނީ ވަކީލެކެވެ. އަދި ބަސް ޑްރައިވަރެއްގެ ދަރިއެކެވެ.
ސާދިގާއި ސާދިޔާގެ ކައިވެންޏަށް ދެ އަންހެން ދަރިކަނބަލުން ލިބިވަޑައިގެންފައިވެ އެވެ.